ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބަންނަން ފަށާފައިވާ ކަޅުއޮށްފުންމި އެއްކޮށް ބަނދެ ނިންމައި، އަންނަ މަހުގެ ތެރޭގައި މޫދަށް ބާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) މިއަދު "ސަން" އަށް ވިދާޅުވީ، ކަޅުއޮށްފުންމީގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ. އެގޮތުން ހުންގާނު ދޫންޏާއި ފަރުމާނު ހަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ދެން ދޯނީގެ މަޅުތައް ތައްޔާރު ކުރަމުން ދަނީ. އިރާދަކުރެއްވިއްޔާ ހަފްތާ ނިމުމުގެ ކުރިން އެކަން ވެސް ނިންމާލެވޭ ވަރުވާނެ. އެހެންވީމަ އަންނަ މަހު މޫދަށް ކަޅުއޮށްފުންމި ބޭލޭ ވަރުވާނެ އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވި އެވެ.

ކަޅުއޮށްފުންމި ބަންނަނީ 51 ފޫޓް ދިގުމިނުގައެވެ.

ކަޅުއޮށްފުންމިއަކީ ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އުތީމް ބޮޑުތަކުރުފާނުގެ ލަފަޔަށް ބަނދެ ރާއްޖެ މިނިވަން ކުރުމަށް ބޭނުން ކުރި ދުވެލި ބާރު އޮޑިއެވެ.

އެ އޮޑި އަލުން ބަނުމުގެ މަސައްކަތް ކުރުމާއި ދަތުރުތަކަށް ދޭން ޖެހޭ ފައިސާ އާއި ވަޑިންނަށް އަދި އެހެން ގޮތް ގޮތުން ދޭން ޖެހޭ ހަރަދުތަކަށް ޖުމްލަ 1،500،000 ރުފިޔާއަށް އަރައެވެ.