އިންޑޮނޭޝިއާ(ނޮވެމްބަރ 11): އިންޑޮނޭޝިއާގެ ޖަންގަލިތައް ބެލެހެއްޓުމަށާއި، ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާން ނިންވުމަށް، އެކަމަށް ހާއްސަކޮށް ތަމްރީނު ކޮށްފައި ތިބި އެތްތަކެއް ބޭނުން ކުރަމުންދާ ކަމަށް އެގައުމުން ބުނެފިއެވެ.

ސިއާކް ޑިސްޓުރިކްޓުގެ އެލެފެންޓު ކޮންޒަވޭޝަން ސެންޓަރުގެ 23 އެތެއް ވަނީ ޖަންގަލި ބެލެހެއްޓުމަށް ތަމްރީނުކޮށްފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

އަލިފާން ނިންވާލަން ބޭނުންވާ ތަކެތި އުފުލައިގެން ޕާކުގެ މުވައްޒަފުންނާއެކު، އިންޑޮނޭޝީއާގެ ގައުމީ ޕާކުގެ ޖަންގަލިތައް މިހާރު ބަލަހައްޓަމުންދަނީ އެ އެތްތަކެވެ. އެ އެތްތައް މޮނިޓާ ކުރަނީ ކުރީން އަލިފާން ރޯވެފައިވާ ސަރަހައްދުތަކުގައި އަނެއްކާވެސް ރޯވޭތޯ އެވެ.

ފޮރެސްޓަރީ މިނިސްޓްރީގެ އޮފިސަރަކު ބުނި ގޮތުގައި މިހާރު އެތް ތަމްރީނު ކުރާ ޓީމުތަކުން ދަނީ ޖަންގަލީގައި ތިބޭ އެތްތަކާއި އާއްމުންނާއި މެދު ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް، ކޮންޒަވޭޝަން ސެންޓަރުގެ އެތްތައް ތަމްރީނު ކުރަމުންނެވެ.

އޭނާ ބުނިގޮތުގައި ތަމްރީނު ކޮށްފައިވާ އެތްތައްވަނީ ޖަންގަލީގައި ދިރި އުޅޭ އެތްތައް މީހުން ދިރިއުޅޭ ހިސާބުތަކަށް ދިޔުމުން ހުއްޓުވާފަ އެވެ.

އިންޑޮނޭޝީއާގެ އެންވަޔަރަންމެންޓު އެންޑް ފޮރެސްޓަރީ މިނިސްޓަރު ސީތީ ނުރްބަޔާ ވިދާޅުވި ގޮތުގައި އިންޑޮނޭޝިއާގެ ސުމަޓުރާ އާއި ބޯނިއޯގެ ޖަންގަލިތަކުން ވަނީ 1.7 މިލިއަން ހެކްޓަރުގެ ސަރަހައްދު އެއްކޮށް އަނދާފަ އެވެ.

ސުމަޓްރާ ނިސްބަތްވާ ރިއާއު ޕްރޮވިންސުގެ ޖަންގަލިތަކުގައި މި ދިޔަ ތިން މަހުގެ ތެރޭގައި 820 ފަހަރު ވަނީ އަލިފާން ރޯވުމުގެ ހާދިސާތައް ހިނގާފައި އެވެ.

މައުލޫމާތު:އޭޕީ