އެމްޑީޕީގެ ވަގުތީ ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ އަކީ، ހަފްތާއަކު އެއްފަހަރު ވެސް ޕާޓީ އޮފީހަށް ވަޑައިގެންނެވޭ ބޭފުޅެއްނޫން ކަމަށް ވިދާޅުވެ، ޕާޓީގެ ރައީސް ކަމުގެ މަގާމަށް ޒަކީއާ ވާދަކުރައްވާ، ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ޒަކީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފި އެވެ.

ޑރ. ޑީޑީގެ ކެމްޕެއިން ޖަގަހަ ގ. ރެއިންބޯގޭގައި ހުޅުވުމުގެ ގޮތުން، މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، ޕާޓީގެ ރައީސްކަމުގެ މަގާމަށް އޭނާ ކުރިމަތިލެއްވީ ދެ ލަނޑުދަނޑިއެއް ހާސިލް ކުރެއްވުމަށް ކަމަށެވެ. އެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ލައްކަ ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި، އެކަންތައް ކުރެވޭނީ ލައްކަ ގިނަ ވަގުތު އެކަންތަކަށް ދެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ލަނޑުދަނޑިއަކީ ވެރިކަން ހިންގާ ޕާޓީއެއްގައި ހުންނަން ޖެހޭ ސިފަތަކާއި ބާރުހުރި ޕާޓީއަކަށް ޕާޓީ ހަދައިދިނުން. ދެވަނަ ލަނޑުދަނޑިއަކީ 2013 ވަނަ އަހަރުގެ ބޮޑު ކަންޒަރު "ރިޔާސީ އިންތިހާބު" ރައީސް ނަޝީދަށް ފުރަތަމަ ބުރުން ކާމިޔާބު ކޮށްދިނުން. އެކަމަށްޓަކައި އެބަހުރި ލައްކަ ގިނަ މަސައްކަތްކުރަން. ލައްކަ ގިނަ މަސައްކަތް ކުރެވޭނީ ޕާޓީއަށް ޓަކައި ލައްކަ ގިނަ ވަގުތު ދެވޭ މީހަކަށް. ހަމަގައިމު ވެސް މިވަގުތު އެމަގާމާ ހަވާލުވެހުންނެވި ބޭފުޅާއަށް ހަފްތާއަކު އެއްފަހަރު ވެސް އޮފީހަށް ވެދެވަޑައިނުގެންނެވޭ ވާހަކައަކީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫން. އެއީ ލޮލުން ފެންނަން ހުރި ހަގީގަތެއް،" ޑރ.ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ، ޕާޓީގެ ރައީސްކަމުގެ މަގާމަކީ ލޯ ލާރިއެއް ވެސް ލިބޭ މަގާމެއްނޫން ކަމަށެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލެއްވީ، މާލީ މަންފާއެއްނެތި ޕާޓީއަށް ޓަކައި ގައުމަށްޓަކައި ގުރުބާނީތަކެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އައްޑޫ މީހަކަށް ވާތީ، ޑރ. ޑީޑީ ޕާޓީގެ ރައީސް ކަމަށް ހޮވަން ކަމުނުދާކަމަށް ބުނެ، ޒަކީ އަށް ތާއީދުކުރާ މެންބަރުން ވާހަކަ ދައްކަމުންދާކަން ފާހަގަ ކުރައްވައި، ޑރ.ޑީޑީ ވިދާޅުވީ، ރާއްޖެ އަށް ޑިމޮކްރަސީ ގެނައީ އެކަހަލަ ތަފާތުކުރުންތައް ނައްތާލުމަށް ކަމަށެވެ. އަދި ޑީޑީއަކީ މާލޭގައި ރަށްވެހިވެފައިވާ މާލޭގައި ގެދޮރު ހުރި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަނީ، އެމްޑީޕީގެ މެންބަރުންނާއި ރައްޔިތުންނާއި އޭނާއާ ވާދަކުރައްވާ އިބްރާހިމް ހުސެއިން ޒައީއަށް ޓަކައި ކަމަށާއި، 2013ގެ އިންތިހާބު ރައީސް ނަޝީދަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ ޒަކީ ވެސް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ގެއަށް ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވި އެވެ.

"އަޅުގަޑަކީ ފަސްބައިގައި ކިލަނބުކަމެއް ހުރި މީހެއްނޫން. ނަމަވެސް އަޅުގަނޑަކީ އައްޑޫ މީހެއް ކަމުން ކަމުނުދާނެ ކަމަށް ވާދަވެރި ކެނޑިޑޭޓަށް ސަޕޯޓްކުރާ މީހުން އަންނަނީ ދައްކަމުން. ނަމަވެސް ޑިމޮކްރެސީ ގެނައީ އެކަހަލަ ތަފާތުކުރުންތައް ނައްތާލުމަށް. އަޅުގަނޑު އެ މަގާމަށް ކުރިމަތިލީ ޕާޓީއަށް ޓަކައި. ގައުމަށްޓަކައި އަޅުގަނޑާއެކީ ވާދަކުރާ ބޭފުޅާ އަށްޓަކައި. ޔަގީން ކަށަވަރު 2013ގެ ބޮޑު މަންޒަރު ރިޔާސީ އިންތިހާބު ރައީސް ނަޝިދަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ އަޅުގަނަޑާއެކީ ވާދަކުރައްވާ ބޭފުޅާ "ޒަކީ" ވެސް ޖެހޭނީ ގެއަށް ވަޑައިގަންނަވަން. ވަޒީފާ ގެއްލޭނެ، އެންވޯއީކަމެއް ވެސް ނޯންނާނެ 'އެންޖޯއީކަމެއް' ވެސް ނޯންނާނެ،" ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ، އޭނާ އަށް ޕާޓިގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ޕާޓީގެ މެންބަރުންނަށް ދިމާވާކަންކަމުގައި ވަގުތުން ހައްލު ހޯދައިދެވޭނެ އިންތިޒާމެއް ޕާޓީގެ ލީޑަޝިޕްގެ ތެރެއިން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ޕާޓީއަށް ސަރުކާރުންދޭ ބަޖެޓްގެ ވަކި ޕަސެންޓެއް ދާއިރާ އެކައުންޓްތަކަށް ހަމަޖައްސައި ރަށްރަށުގައި ގާއިމްކުރާ ޖަގަހަތަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މާލީ ގޮތުންނާއި ފަންނީގޮތުން ދާއިމީ ގޮތެއްގައި ޕާޓީތެރޭ އެހީތެރިވުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

މިރޭގެ ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.