11 Nov 2015, 14:52
ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ހޮންކޮންގާއި ރާއްޖޭގެ ގައުމީ ޓީމް ކުޅޭ މެޗުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ކުޅިބަލަން ދަނޑަށް ވަންނަ އެންމެން ވަކިވަކީން ޗެކްކުރާ ގޮތަށް ސަލާމަތީ ބާރުތަކުން ހަމަޖައްސައިފި އެވެ.
މިއަދު މެންދުރު ރަސްމީބޯޅަ ދަނޑުގައި ފުލުހުންނާއި ސިފައިން އަދި އެފްއޭއެމް ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، ހޮންކޮން ޓީމް މާލެއަށް އައުމާއެކު ފުލުހުންގެ ފަރާތުން އެ ޓީމްގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި އެ ޓީމުން އެދުނު ކަންތައްތައް ވެސް ކޮށްދެމުންދާ ކަމަށެވެ.
"މާދަމާގެ މެޗް ފެށުމުގެ ކުރިން މުޅި ދަނޑު ޗެކް ކުރެވޭނެ. ބެލުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން. ހުރިހާ ސަޕޯޓަރުންނަށް ވެސް ދަނޑަށް ވަދެވެވޭނެ ސެކިއުރިޓީ ޗެކްކުރުމަށްފަހު،" ނަވީން ވިދާޅުވިއެވެ.
މީގެ އިތުރުން ނަވީން ވިދާޅުވީ، ފުލުހުން އެ ސަރަހައްދުގެ ޓްރެފިކް ރެގިއުލޭޓްކުރާނެ ކަމަށާއި ދަނޑު ސަރަހައްދު ޕެޓްރޯލްކޮށް އަދި އެ ސަރަހައްދުގައި ފަޔާ ލޮރީ އޮންނާނެ ކަމަށެވެ. އަދި ސަޕޯޓަރުންނަށް ހާއްސަ މެޑިކަލް ޓީމެއް ދަނޑުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިދަ އާއި ސަޕޯޓްކުރަން ބޭނުންވާ އާލާތްތައް ވެއްދޭނެ ކަމަށާއި އެކަމަކު ކުޑަ އާއި ދަނޑި ބުރި ފަދަ އެއްވެސް އެއްޗެއް ނުވެއްދޭނެ ކަމަށެވެ.
ރަސްމީ ދަނޑުގައި 15:50ގައި ފެށުމަށް ހަމަޖެހިފައިވާ މެޗާ ގުޅޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މާދަމާ މެންދުރު ދޭކުން ފެށިގެން ދަނޑުގެ ގޭޓްތައް ހުޅުވޭއިރު އެންމެ ފަހުވަގުތަށް މަޑުނުކޮށް ވީ އެންމެ އަވަހަކަށް އައިސް ދަނޑަށް ވަދެ، އަދި އިންޓަވަލް ގަޑީގައި ވެސް ދަނޑުން ނުނިކުމެ ސަޕޯޓަރުން ތިބުމަށް އެދޭ ކަމަށެވެ.