ސީރިޔާގެ ލަޓަކިއާ ސިޓީ އަށް އިއްޔެ އަލް ގައިދާ އިން ދިން ކަމަށް ބެލެވޭ ހަމަލާއެއްގެ ސަބަބުން ސީރިޔާގެ 23 މީހަކު މަރުވެއްޖެ އެވެ.

އިއްޔެ ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އަމާޒުވީ ލަޓަކިއާގެ ޓިޝްރީން ޔުނިވާސިޓީއަށެވެ. ދެވަނަ ހަމަލާ އަރާފައިވަނީ ބަސް ހުއްޓި އަކަށެވެ.

"އެ ހަމަލާގެ ސަބަބުން 23 މީހަކު މަރުވެއްޖެ. އަދި އެކިވަރުގެ އަނިޔާ ތައް ލިބިފައިވާ 65 ވަރަކަށް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ދޭ،" ސީރިޔާގެ ފުލުހަކު ބުންޏެވެ.

މިހާތަނަށް ލިބިފައިވާ ރިޕޯޓުތަކުގައިވާ ގޮތުން އެ ހަމަލާގައި އަނިޔާވެފައި ވަނީ ހަމައެކަނި އާންމުންނަށެވެ.

ލަޓަކިއާ އަކީ ރަޝީއާގެ ވައިގެ މަރުކަޒެއް ކަމަށްވާ މޭމިމް ހުންނަ ސިޓީއެކެވެ. ރަޝިއާ އިން ދަނީ މިއަހަރުގެ ސެޕްޓެމްބަރުން ފެށިގެން ސީރިޔާގެ މިހާރުގެ ރައީސް ބައްޝާރު އަލް އައްސަދާ ދެކޮޅު ޖަމާއަތްތަކަށް ހަމަލާ ދެމުންނެވެ.

މައުލޫމާތު: ރަޝިއާ ޓުޑޭ