11 Nov 2015, 13:30
ހުޅުލެއާއި މާލެއާ ދެމެދު ބުރިޖް އެޅުމުގެ މަޝްރޫއު ހަވާލުކުރުމަށް، ކަނޑު ހުރަސްކޮށް ބުރިޖް އެޅުމުގެ ގާބިލުކަމާއި ތަޖުރިބާ ހުރި ތިން ކުންފުންޏެއް ސަރުކާރުން ޝޯޓްލިސްޓްކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ތިން ކުންފުނި ޕްރީ ކޮލިފައިކޮށް، ބިޑް ހުށަހެޅުމުގެ ފުރުސަތު ދިނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަނާއި މިނިސްޓްރީ އޮފް ކޮމާސްއާ ގުޅިގެން ކަމަށެވެ.
ޝޯޓްލިސްޓް ކުރި ތިން ކުންފުންޏަކީ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން، ޝީޒުއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން އަދި ޗައިނާ ރެއިލްވޭ ބުރިޖް އެންޑް އިންޖިނިއަރިން އެވެ.
އެތިން ކުންފުންޏަށް ބިޑިން ޑޮކިއުމެންޓް ހަވާލުކޮށް، މައުލޫމާތު ދިނުމަށާއި ސުވާލުތަކަށް ޖަވާބު ދިނުމަށް ތިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. އެ ބިޑްތައް ހުށަހަޅައި، ބިޑް ހުޅުވާފައިވާ ކަމަށާއި އެކަންތައްތައް ކޮށްފައި ވަނީ އެކަމަށް ޓަކައި ރާއްޖެ އިން ޗައިނާ އަށް ވަޑައިގެންނެވި ވަފުދާއި ޗައިނާ ސަރުކާރުގެ ބޭފުޅުންގެ ހާޒިރުގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއު ހަވާލު ކުރާނެ ކުންފުންޏެއް އަންނަ ހޮނިހިރު ދުވަހު ކަނޑައަޅައި، އެ ކުންފުންޏަކާ އެކު ސޮއިކުރާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.