11 Nov 2015, 13:16
އައިއެސްއާ ގުޅުމަށް ދެކުނު ތުރުކީ އަށް ގޮސް ތިބި 38 ބިދޭސީ އަކު ތުރުކީގެ އެންޓި ޓެރާ ފުލުހުން ހައްޔަރު ކޮށްފި އެވެ.
ހައްޔަރު ކުރި ބިދޭސީންގެ ތެރޭގައި އިންޑޮނޭޝީއާ އާއި އިރާނާއި އިރާގު އަދި އެހެނިހެން އޭޝިއާގެ ގައުމުތަކުގެ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި 10 އަންހެނުންނާއި 15 ކުޑަކުދިން ހިމެނެ އެވެ. މީގެ އިތުރުން އެމީހުންނަށް އެހީ ވުމުގެ ތުހުމަތުގައި ތުރުކީގެ ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ތުރުކީ ވެފައި ވަނީ އައިއެސްއާ ގުޅުމަށްޓަކައި ސީރިޔާ އަށް ދާން ބޭނުންވާ ގިނަ ބިދޭސީން ދާ ގައުމަކަށެވެ.
މި ފަހަރުގެ ޖީ20 ސަމިޓު ބާއްވަން ހަމަޖެހިފައި ވަނީ ތުރުކީގައި ކަމުން ނޭޓޯ އިން ދަނީ ތުރުކީ މަގުން އައިއެސްއާ ގުޅުމަށް ސީރިޔާ އަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ތުރުކީ އަށް ކުރާ ޕްރެޝަރު އިތުރު ކޮށްފައި އެވެ.
ތުރުކީގެ ވެރި ރަށް އަންކާރައިގައި މިހާރު ވަނީ އައިއެސްއާ ގުޅުމަށް އަންނަ މީހުން ހޯދުމަށް ޚާއްސަ އޮޕަރޭޝަންތައް ފަށާފަ އެވެ.
މައުލޫމާތު: އޭއެފްޕީ އަދި ސީއެންއެން