ދެ ހަފްތާ ތެރޭގައި ޔަމަނަށް އެރި ދެ ވަނަ ތޫފާނުގެ ސަބަބުން ޔަމަނުގެ ފަސް މީހަކު މަރުވެއްޖެ އެވެ.

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންގެ ތަރުޖަމާނު ސްޓެފާން ޑެޒާރިކް ވިދާޅުވި ގޮތުގައި ހޯމަ ދުވަހު އެރި ސައިކުލޯން މެގް ނަމަކަށް ކިޔާ އެ ތޫފާނުގެ ސަބަބުން 16 މީހުން ގެއްލިފައިވާ ކަމަށެވެ. އަދި 60 މީހުންނަށް އަނިޔާ ވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔަމަނުގެ ކުޑަ ރަށެއް ކަމަށްވާ ސޮކޮޓުރާ އަށް ތޫފާން އެރުމުގެ ސަބަބުން 800 ވަރަކަށް ގެ އެއްކޮށް ސުންނާފަތިވެފައިވާކަމަށެވެ. އޭގެ ސަބަބުން 8000 މީހުން ވަނީ ގެދޮރު ނެތިފައި އެވެ.

މި ދިޔަ ހަފްތާގައި ޔަމަނަށް އެރި ޗަޕަލާ ނަމަކަށް ކިޔާ ތޫފާނުގެ ސަބަބުން އެ ގައުމުގެ 11 މީހަކު މަރުވި އެވެ.

އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމު ކަމުގައި ބެލެވޭ ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ނަމަވެސް އެ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް އެހީ ފޯރު ކޮށްދިނުމުގެ މަސައްކަތަށް ދަނީ ހުރަސް އެޅެމުންނެވެ.