ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވުމުގެ ނަމުގައި ގައްޒާފީގެ ބާރުތަކަށް ވައިގެ ޙަމަލާތައް ދެމުންގެންދާ ހުޅަނގުގެ ބާރުތަކުގެ ޝިކާރައަކަށް އެންމެފަހުން ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންވެސް ވާންފަށައިފިއެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި އަލްބްރޭގާ އަށް ހުޅަނގުގެ ބާރުތަކުން ރޭ ދިން ޙަމަލާތަކެއްގައި އިދިކޮޅު ހަނގުރާމަވެރިންގެ 10 މީހަކުވަނީ މަރުވެފައެވެ. މި 10 މީހުން މަރުވުމުގެ ކުރިންވެސް ހުޅަނގުގެ ޙަމަލާތަކެއްގައި އިދިކޮޅު ހަނގުރާމަވެރިންގެ 13 މީހަކު މަރުވެފައިވެއެވެ. ހުޅަނގުން ހަދާ މިގޯސްތަކުގެ ސަބަބުން ހުޅަނގުގެ ޙަމަލާތަކަށް މަރްޙަބާކިޔާ ލިބިޔާގެ އިދިކޮޅު ފަރާތްތައްވެސްވަނީ ލަދުވެތިވެފައެވެ.

އަފްޣާނިސްތާނުގައާއި ޢިރާޤުގައިވެސް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން މިފަދަ ގޯސްތައް ތަކުރާރުކޮށް ހަދަމުން ގެންދެއެވެ. ހުޅަނގުގެ ގޮނޑިކޮށްކޮއިންގެ ގޮތުގައި ސިފަކުރެވޭ ޢިރާޤާއި އަފްޣާނިސްތާނުގެ ސަރުކާރުގެ ސިފައިންނަށް ހުޅަނގުގެ ވައިގެ ޙަމަލާތައް އެތަށްފަހަރަކު އަމާޒުވެ އެތަށްސަތޭކަބަޔަކު މަރުވެފައިވެއެވެ.

މިފަދަ ޙަމަލާތަކާގުޅިގެން ކުރިމަތިވާ ލަދުވެތިކަމުގައި، މިއީ އޮޅުމަކުން ބައިކޮޅަށް ޖެހުނު ގޯލެއްކަމަށް ބުނެ ހުޅަނގުން މައްސަލަ ނިންމާލި ނަމަވެސް މިފަދަ ހަމަލާތަކުގެ ނަތީޖާއަކީ ހުޅަނގުގެ ރަހްމަތްތެރިންގެ އިތުބާރުވެސް އާޚިރުގައި ހުޅަނގަށް ގެއްލިގެން ދިޔުން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަނެއްކޮޅުން ގައްޒާފީގެ ބާރުތަކަށް ވައިގެ ޙަމަލާތައްދެނީ ލީބިޔާގެ އާންމު ރައްޔިތުން ޙިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށް ހުޅަނގުން ތަކުރާރުކޮށް ބުނާއިރު ހުޅަނގުގެ ހަމަލާތަކުގައި ލީބިޔާގެ ޢާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެފައިވާކަން މިހާރުވަނީ ކަށަވަރުވެފައެވެ.

ހުޅަނގުގެ ހަމަލާތަކުގައި މަރުވާ ލީބިޔާގެ ގިނަޢާންމުންނަކީ ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ރައްތަކުގައި ދިރިއުޅޭ ރައްޔިތުންކަމަށް ޚަބަރުތައް ބުނެއެވެ. ޢިރާޤާއި އަފްޣާނިސްތާނުގައިވެސް ހުޅަނގަށް ޢަސްކަރީ ގޮތުން ކާމިޔާބު ނުލިބޭ މައިގަނޑު ސަބަބަކީ ބައެއްފަހަރު ގަސްދުގައި އަދި އަނެއްބައިފަހަރު، ދޭޙަމަލާތައް އަމާޒުން ކައްސާލައިގެން ނަމަވެސް ގިނަޢަދަދަކަށް އާންމުން މަރުވަމުން ދިޔުން ކަމަށް މުޙައްލިލުން ފާހަގަ ކުރައްވައެވެ.

އަފްޣާނިސްތާނާއި ޢިރާޤުގައި މީހުންގެ ގެދޮރަށާއި ކައިވެނި ޕާޓީތަކަށް އެމެރިކާ ބޮންއެޅުމަކީ ވަރަށް ގިނައިން ހިނގާފައިވާ ކަމެކެވެ. މިފަދަ ޙަމަލާތައްދޭ ޢަސްކަރީ ޕައިލެޓުންށް އަދަބު ދޭކަމަކަށްވެސް ނުވެއެވެ. ހުޅަނގުގެ ރިޕޯޓްތައް ބުނާގޮތުންވެސް އެމެރިކާގެ ވައިގެ ޙަމަލާތަކުގައި ޢިރާޤުގެ ލައްކައަކަށްވުރެ ގިނަ ޢާންމުން ވަނީ މަރާލެވިފައެވެ.

ހަނގުރާމައާއި ހަތިޔާރުގެ ޓެކްނޮލޮޖީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ކަމަށް ބުނާ އެމެރިކާއާއި ޔޫރަޕްގެ ސިފައިންނަކީ ބަރާބަރަށް އަމާޒަށް ބަޑިނުޖެހޭބައެއްނަމަ ނުވަތަ އަމާޒަށް ބޮންއެޅުމުގައި މިފެންވަރަށް ނާކާމިޔާބުވާ ބައެއްނަމަ އެއްވެސް ތަނެއްގައި މިބާރުތަކަށް ޢަސްކަރީ ގޮތުން ކާމިޔާބު ލިބުމުގެ ފުރްސަތު ކުޑަކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. އަދި މިކަމުގެ ސަބަބުން ހުޅަނގުގެ ޢަސްކަރީ ޓެކްނޮލޮޖީއާއި ސިފައިންގެ ޤާބިލްކަމާމެދު ސުވާލު އުފެދޭނެ ކަމަށްވެސް މިފަރާތްތަކުން ދެކެއެވެ. (އަލްޖަޒީރާ)