ސްވިޑަންގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު 10 ވަނަ ފަހަރަށް ޒްލަޓަން އިބްރަހިމޮވިޗް ހޯދައިފި އެވެ.

އިބްރަހިމޮވިޗް އަށް މިފަހަރުގެ އެވޯޑް ލިބުނު އިރު އޭނާ، މިވަނީ ޖެހިޖެހިގެން ނުވަ ފަހަރަށް މި އެވޯޑް ހޯދާފައެވެ. އޭނާ މި އެވޯޑް އެންމެ ފުރަތަމަ ހޯދާފައިވަނީ 2005 ވަނަ އަހަރުގައެވެ. ޖެހިގެން އައި އަހަރު އާސެނަލްގެ ފްރެޑީ ލިޔުންބާގަށް މި އެވޯޑް ލިބުނު އިރު 2007 ވަނަ އަހަރުން ފެށިގެން އިބްރަހިމޮވިޗް އަންނަނީ މެދުކެނޑުމެއް ނެތި މި އެވޯޑް ހޯދަމުންނެވެ.

މި އަހަރު އޭނާ ވަނީ ފްރާންސް ލީގާއި ފްރެންޗް ކަޕް ޕީއެސްޖީއާ އެކު ކާމިޔާބުކޮށް އެ ކްލަބާ އެކު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ޕީއެސްޖީގެ ލަނޑު ލިސްޓުގެ އެއް ވަނަ ވެސް ހޯދައިފައެވެ.

ސްވިޑަންގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 2005 ވަނަ އަހަރު ކާމިޔާބުކުރުމަށް ފަހު އިބްރަހިމޮވިޗް ވަނީ ޔޫރަޕުގެ ބޮޑެތި ކްލަބުތަކަށް ކުޅެފައެވެ. އެގޮތުން ޔުވެންޓަސް އާއި އިންޓަ އާއި ބާސެލޯނާ އަދި އޭސީ މިލާނަށް އޭނާ ކުޅެފައި ވެއެވެ. ފްރާންސްގެ ޕީއެސްޖީ އަށް އޭނާ ބަދަލުވީ 2012 ވަނަ އަހަރުގައެވެ.