11 Nov 2015, 12:10
ގއ. ކޮނޑޭ ސިއްހީމަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ ބަލިމީހެއްގެ ހާލު ބޮޑުވުމުން އެމީހާ، އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި ގއ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުޙައްމަދު މިއަދު ވިދާޅުވީ، ގއ. ކޮޑޭ ސިއްހީމަރުކަޒުގައި ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 47 އަހަރުގެ ހަސަން އިދްރީސް ކިޔާ މީހެއްގެ ހާލު ބޮޑުވުމުގެ ސަބަބުން، މިއަދު ހެނދުނު 9:15 ކަންކާއިރު، އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި އެމީހާ ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ފެށިކަމަށެވެ.
ކޮނޑޭ ސިއްހީމަރުކަޒުގެ ޒިންމާދާރު ވެރިޔާ އަބްދުﷲ ޝަމީމް ވިދާޅުވީ، އެ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ އުމުރު 47 އަހަރުގެ މީހެއްގެ ހާލު ބޮޑުވުމުން އިތުރަށް ފަރުވާދިނުމަށްޓަކައި މިއަދު ހެނދުނު 10:25 ކަންހާއިރު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި އެމީހާ ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ޓްރާންސްފާކޮށްފައި ވާ ކަމަށެވެ.
"ޑެންގީއަށް ޝައްކު ކުރެވޭތީއާއި އެމީހާގެ ހާލު ބޮޑުވުމުން ޓެސްޓުތައް ހެދުމަށާއި އިތުރު ފަރުވާ ދިނުމަށް އަތޮޅު ހޮސްޕިޓަލަށް ޓްރާންސްފާކުރީ،" ޝަމީމް ވިދާޅުވިއެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒް މޫސާ މިއަދު ސަން އަށް ވިދާޅުވީ، ކޮނޑޭ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދިޔަ ހާލުބޮޑު ބަލި މީހަކު "ޑެންގީއަށް ސަސްޕެކްޓް ކުރެވިގެން"، މިއަދު ހެނދުނު ގއ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށް، ފަރުވާދޭން ފަށާފައިވާ ކަމަށެވެ.
"މިހާރު ދަނީ އެމީހާގެ ޓެސްޓްތައް ހަދަމުން. ޑެންގީތޯ ނުވަތަ ނޫންތޯ ދަންނަވަން އެނގޭނީ ނަތީޖާ ލިބުމުން. މިހާރު އެމީހާ ސްޓޭބަލްވަމުން އަންނަނީ،" ޝާފިޒް ވިދާޅުވި އެވެ.
އެމްއެންޑީއެފް އެއާ ވިންގްގައި ބޭނުންކުރަމުންގެންދާ ކުރަނގި ހެލިކޮޕްޓަރަކީ، 2010 ވަނަ އަހަރު އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެކެވެ.