އެޕަލް ކުންފުނީގެ މިއުޒިކް ސުޓްރީމިން ސާވިސް "އެޕަލް މިއުޒިކް" ދުނިޔޭގެ އެންމެ މަގުބޫލު ސްމާޓްފޯން އޮޕަރޭޓިން ސިސްޓަމް "އެންޑްރޮއިޑް" އަށް ތައާރަފުކޮށްފި އެވެ.

އިއްޔެ އެންޑްރޮއިޑްއަށް "ބީޓާ" ވާޝަންއަކާ އެކު އެ ހިދުމަތް ލޯންޗުކޮށްފައިވާ އިރު އެޕަލްގެ އުފެއްދުންތަކަށް އެ ހިދުމަތް ލިބޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

އެންޑްރޮއިޑް އަށް ރިލީޒް އެޕަލް މިއުޒިކް ސާވިސް ބަލާބެލުމަށް އެޕަލް އައިއޯއެސްގެ އެ ސާވިސް އާ ތަފާތެއް ނެތެވެ. ހަމަ އެފަދައިން ލިބޭ ހިދުމަތްތައް ވެސް އެއްގޮތެވެ. އެގޮތުން ތިން މަހުގެ ޓްރެއިލް އަށް އެ ސާވިސް ހިލޭ ބޭނުން ކުރެވޭނެ އެވެ. އެއަށް ފަހު އެ ހިދުމަތް ބޭނުންވާ ނަމަ މަހަކު 10 ޑޮލަރު ބޭނުން ކުރަން ޖެހޭނެ އެވެ. އެ ހިދުމަތް އައިއޯއެސްގައި ވެސް ހުންނަނީ އެގޮތަށެވެ.

ވޯލް ސުޓްރީޓް ޖާނަލް އިން މިދިޔަ މަހު ބޭއްވި ލައިވް ކޮންފަރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ ފީ ދައްކައިގެން މިހާރު އައިއޯއެސްގައި 6.5 މިލިއަން ޔޫސަރުން އެޕަލް މިއުޒިކް ބޭނުންކުރާ ކަމަށެވެ. އަދި ތިން މަހުގެ ޓުރައިލްއާ އެކު އެ ހިދުމަތް 8.5 މިލިއަން ޔޫސަރުން ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުމާޓްފޯނުގެ މާކެޓުގެ 70 ޕަސެންޓް ހިމެނޭ އެންޑްރޮއިޑް އަށް އެޕަލް މިއުޒިކް ސުޓްރީމިން ސާވިސް ތައާރަފު ކުރުމާ އެކު އެ ސާވިސްގެ ކަސްޓަމަރުން އިތުރު ވެގެން ދާނެ އެވެ.

މިދިޔަ އޯގަސްޓު މަހު އެޕަލް އިން ބުނި ގޮތުގައި އެ ކުންފުނީގެ މިއުޒިކް ސުޓްރީމިން ސާވިސް އަށް 11 މިލިއަން ސަބްސްކްރައިބަރުން ވަނީ ލިބިފަ އެވެ. ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެޕަލްގެ ސުޓްރީމިން ހިދުމަތް ތައާރަފުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގަ އެވެ.

މިއުޒިކް ސުޓްރީމިން އަށް އެންމެ މަގުބޫލު ހިދުމަތްކަމަށްވާ "ސްޕޮޓިފައި"ގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ 20 މިލިއަން ޕެއިޑް ސަބްސްކްރައިބަރުން ހަމަވެފަ އެވެ. އެގޮތުން ޓްރައިލް ބޭނުން ކުރާ 55 މިލިއަން ޔޫސަރުން މިހާރު ސްޕޮޓިފައިގައި ހިމެނެ އެވެ. ސްޕޮޓިފައިގެ އެކްޓިވް ޔޫސަރުންގެ އަދަދު 75 މިލިއަނަށް ވުރެ މައްޗަށް އަރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.