ކުޅިވަރުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރު އާއި ކްރިކެޓް ކުޅުންތެރިޔާ ފަރުހަތު ޖަލީލް އާއި ގައުމީ ޓީމުގެ ފިޒީޝަން އަހްމަދު ޝަކީބަށް ލިބިއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސްބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި މި ތިން ބޭފުޅުންނަށް އިނާމް ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެވެ.

ކުޅިވަރުގެ ދާއިރާ އިން ބޭސްވެރިކަމުގެ ހިތްވަރު ދިނުމުގެ އިނާމް ލިބުނު އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓްގެ ހެޑް އަހްމަދު ޝަކީބް އަކީ 1997 އިން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް އެންމެ ގާތުން ފަރުވާ ދެމުންދާ ފަރާތެވެ. މީގެ އިތުރުން އޭނާ އަންނަނީ ފީފާ އާއި އޭއެފްސީގެ ބައެއް ކޯސްތަކުގައި ކިޔަވައިދެމުންނެވެ.

ފަރްހަތް އަށް ރައީސް ޔާމިން ގައުމީ އިނާމް ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ކުޅިވަރުގެ ދާއިރާ އިން ރޭ ގައުމީ އިނާމް ލިބުނު މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ކްރިކެޓް ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފަރުހަތު ޖަލީލް އަކީ ކްރިކެޓް ކޮންޓްރޯލް ބޯޑުގެ ޖެނެރަލް ސެކެރެޓަރީގެ މަގާމާއި ނައިބް ރައީސް ކަމުގެ މަގާމުގެ އިތުރުން ގައުމީ ޓީމުތަކުގެ މެނޭޖަރުކަން ކޮށްފައިވާ ފަރާތެކެވެ. އޭނާ އަންނަނީ ކްރިކެޓް ކުޅުންތެރިން އުފެއްދުމަށް ވައިޑީޕީ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.

ކުޅިވަރުގެ ދާއިރާ އިން ރޭ ގައުމީ އިނާމް ލިބުނު އާމިރު މަންސޫރަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ޓެނިސް ކުޅުންތެރިއާ އެވެ. ގައުމީ މުބާރާތްތަކުގައި ގިނަ ވަނަތަކެއް ހޯދާފައިވާ އާމިރު މަންސޫރު މިހާރު ވެސް އަންނަނީ ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސާއިދު އަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލްއެއް ރައީސް ޔާމީން ދެއްވަނީ --- ފޮޓޯ:ރައީސް އޮފީސް

މި ތިން ބޭފުޅުންގެ އިތުރުން މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ހާއްސަ މެޑެލްއެއް ދެއްވައިފައެވެ.

ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން، ނުވަތަ ބައިނަލްއަގްވާމީ މިންކުރުމަކުން މަތީ ވަނަ ނުވަތަ ޝަރަފު ހާސިލު ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ސިފައިންގޭގެ ސާޖަންޓް ސާއިދް އަށް ލިބުނުއިރު އޭނާ މިހާރުވެސް ދަނީ އަންނަ އަހަރުގެ ސާފް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގައި ތަމްރީނުތަށް ހަދަމުންނެވެ.

ސާއިދު އަކީ އޭޝިއާ ސަރަހައްދުގެ ވެސް އެންމެ ބާރު ދުވުންތެރިންގެ ތެރޭގައި ހިމެނޭ އެތުލީޓެއްކަން ފާހަގަކޮށްލެވެއެވެ.