މިޔަންމާގެ އިދިކޮޅު ޕާޓިގެ ލީޑަރު އަންގް ސަން ސޫކީ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފިއެވެ.

އޭނާ ކާމިޔާބު ކުރައްވާފައި ވަނީ ޔަންގޮންގެ ކަހްމޫ ދާއިރާގެ ގޮނޑިއެވެ.

އަންގު ސަން ސޫކީގެ ނެޝަނަލް ލީގު ފޯ ޑިމޮކުރަސީ (އެންއެލްޑީ) އަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް ލިބުނު ނަމަވެސް ސޫކީ އަށް ވެރިކަން ލިބުމަކީ މިޔަންމާގެ ގާނޫނު އަސާސީ ގެ ދަށުން މަނާ ކަމެކެވެ. މިޔަންމާގެ ގާނޫނު އަސާސީގައިވާ ގޮތުން ގައުމުގެ އިސް ވެރިއަކަށް ހުންނަ ބޭފުޅެއްގެ ދަރިންނަކީ ބޭރު ގައުމަކަށް ނިސްބަތްވާ ބޭފުޅުން ކަމުގައި ވެގެން ނުވާނެ އެވެ. ސޫކީގެ ދެ ދަރިންކަލުންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

އިންތިޚާބަށް ފަހު ސޫކީ ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގައި އެގޮތަށް އޮތް ކަމުގައި ވިޔަސް މިހާރު އޭނާ އަށް ގައުމުގެ ނިންމުންތައް ނިންމޭނެ ކަމަށެވެ.

މިޔަންމާގެ އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ނެރުނު އިންތިޚާބުގެ ނަތީޖާ އިން ދައްކާ ގޮތުން އެންއެލްޑީ އަށް ވަނީ މުޅިއަކު 163 ގޮނޑި ލިބިފަ އެވެ. އެ ނަތީޖާއާ އަޅާބަލާއިރު ވެރިކަން ކުރާ ޕާޓީ ޔޫނިއަން ސޮލިޑާރިޓީ ޑެވެލޮޕްމަންޓު ޕާޓީ (ޔޫއެސްޑީޕީ) އަށް ލިބިފައި ވަނީ އެންމެ 10 ގޮނޑި އެވެ.

މަޖލީހުގެ 664 ގޮނޑީގެ ތެރެއިން ހަތަރު ބައި ކުޅަ އެއްބައި ގޮނޑިތައް ވަނީ އިންތިޚާބަކާ ނުލައި އަސްކަރިއްޔާގެ މެމްބަރުންނަށް ޚާއްސަ ކޮށްފަ އެވެ. މިޔަންމާގެ ރައީސްކަމަށް އެންއެލްޑީ އަށް ނިސްބަތްވާ ބޭފުޅަކު ހޮވުމަށްޓަކައި މަޖިލީހުގެ ތިން ބައި ކުޅަ ދެބައި ގޮނޑިތައް އެ ޕާޓީން ކާމިޔާބު ކުރަން ޖެހޭނެ އެވެ.

އަސްކަރިއްޔާ އިން މިޔަންމާގެ ވެރިކަން ހޯދާފައި ވަނީ 1962ގައި ބަޣާވާތް ކުރުމަށް ފަހުގައި އެވެ.

މައުލޫމާތު: ބީބީސީ