ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވާ ރެފިއުޖީ ކޭމްޕެއްގައި ހުރި އަންހެން ކުދިން ކިޔަވާ ދެ ސްކޫލަކަށް އިސްރާއީލް ސިފައިން އިއްޔެ ހަމަލާދީފި އެވެ.

ފަލަސްތީނުގެ މައާން ނިއުސް އެޖެންސީން ބުނީ ހަބްރޫނުގެ އުތުރުގައިވާ އަލް އަރޫބު ރެފިއުޖީ ކޭމްޕަށް އިސްރާއީލް ސިފައިން ހަމަލާ ދިނީ ރަބަރު ތޮށިލާފައިވާ ދަގަނޑު ވަޒަނާއި ކަރުނަގޭހުން ކަމަށެވެ. ފަލަސްތީނުގެ ރެޑްކްރެސެންޓް ޖަމާއަތުން ބުނީ އެ ދެ ސްކޫލުގައިވާ ގިނަ ކުދިންތަކަށް ކަރުނަގޭހުގެ އަސަރު ކުރުމުގެ ސަބަބުން ފަރުވާ ދޭން ޖެހުނު ކަމަށެވެ. އަދި ރަބަރު ތޮށިލާފައިވާ ވަޒަން އެރުމުގެ ސަބަބުން ބައެއް ކުދިން ޒަހަމްވި ކަމަށް ވެސް ބުންޏެވެ.

އިސްރާއީލު ސިފައިން އެ ދެސްކޫލް ވަށައިލުމަށް ފަހު ފުރަތަމަ އެންގީ އެ ދެތަން ހުސްކުރުމަށެވެ. އަދި އެ ދެސްކޫލުގެ މުވައްޒަފުން އެކަމާ ދެކޮޅު ހެދުމުން ހަމަލާދިނީ އެވެ.

ހާދިސާއާ ގުޅިގެން އިސްރާއީލް ސިފައިން ބުނެފައި ވަނީ އަލް އަރޫބު ރެފިއުޖީ ކޭމްޕްގެ ތެރޭގައި ހަމަނުޖެހުމެއް ހިނގަމުން ދިޔަ ކަމަށެވެ. އަދި އެ ކޭމްޕްގައި ތިބި މީހުން އިސްރާއީލް ސިފައިންނާ ދިމާލަށް ގާ އުކި ކަމަށެވެ.