11 Nov 2015, 10:36
ވަގަށް ނަގާފައިވާ ސައިކަލަކާއެކު 26 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުން، ހޯމަ ދުވަހުގެ ރޭ މެންދަމު 1:45 ހާއިރު މަޖީދީމަގު އެލްމޯބައިލް ކައިރިން ދުއްވާފައި ދިޔަ މީހަކު ހުއްޓުވައި އޭނާ ދުއްވަން އިން ސައިކަލް ބަލައިފާސްކުރި އިރު، އެ ސައިކަލުގެ ނަމްބަރު ބޯޑާއި ސައިކަލުގެ އަހަރީ ފީ ސްޓިކާގައި ޖަހާފައިވާ ރަޖިސްްޓްރީ ނަމްބަރު ދިމާނުވާކަމަަށެވެ.
އަދި މިހާތަނަށް ބެލިބެލުމުން އެ ސައިކަލަކީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ، ވަގަށް ނަގާފައިވާ ސައިކަލާއެކު ހައްޔަރުކޮށްފައިވާ މީހާއަކީ، މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި އެ މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ދާ ކަމަށެވެ.