14:30


އައްޑު އަތޮޅު ޝަންގްރިއްލާ ވިލިނގިލީ ރިސޯޓްގެ ފަސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް މުއްދަތެއް ނެތް ގޮތަށް 60 މުވައްޒަފަކު ސަސްޕެންޑްކުރުމަށްފަހު، ރަށަށް ފޮނުވާލި މައްސަލައާ ގުޅިގެން ސަރުކާރުން އެކަން ބަލައިދިނުމަށް އެދި، ދެކުނު ޕްރޮވިންސް އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުން އެބަދެ އެވެ.


ޝަންގްރިއްލާ ވިލިނގިލި ރިސޯޓްސް އެންޑް ސްޕާގެ ހަތަރު މުވައްޒަފަކު މިދިޔަ ހުކުރު ދުވަހު އެ ރިސޯޓުގެ ފަތުރުވެރިއެއްގެ ކޮޓަރިން ޕްލޭސްޓޭޝަނެއް ވަގަށް ނަގަން އުޅުނު ކަމަށް ބުނެ، އެ ރިސޯޓްގެ ސެކިއުރިޓީ މެނޭޖަރާއި މައްސަލަ ޖެހި، ހިނގި ހަމަނުޖެހުމާއި ގުޅިގެން، ސެކިއުރިޓީ މެނޭޖަރާއި އެ ފަސް މީހުން އިންޒާރަކާ ނުލައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރިސޯޓުގެ ދިވެހި 60 މުވައްޒަފަކު ޕެޓިޝެނެއް ހުށަހެޅުމުން ޝަންގްރިއްލާ ވިލިނގިލި ރިސޯޓުން އެ މީހުންނާ މެދު އަޅަމުންދާ ފިޔަވަޅުތައް ސަރުކާރުން ބަލައިދިނުމަށް އެދި މިއަދު މެންދުރު ބާރަ ޖެހީއްސުރެ ދެކުނު ޕްރޮވިންސް އޮފީސް ކުރިމަތީ މުޒާހަރާކުރަމުން އެބަދެ އެވެ.


މުޒާހަރާގައި ބައިވެރިވި އެ ރިސޯޓްގެ މުވައްޒަފަކު ބުނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރި 60 މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފި ކަމުގެ ނޯޓިސް ރިސޯޓުން އެ މީހުންނަށް ދީފައިވާ ކަމަށެވެ. އަދި ޕެޓިޝަނެއް ހުށަހަޅައިގެން މުވައްޒަފުން ވަޒީފާއިން ވަކި ކޮށްގެން ނުވާނެ ކަމަށާއި އަދި އެ ރިސޯޓުގައި މިދިޔަ ހުކުރު ދުވަހު ހަޅުތާލު ކުރީވެސް އެ ކަމާއި ގުޅިގެން ކަމަށް މުޒާހަރާގެ ބައިވެރިއަކު ސަންއެފްއެމް އަށް ކިޔައިދިނެވެ.


ދެކުނު ޕްރޮވިންސް އޮފީސް ކުރިމަތީގައި ޝަންގްރިއްލާ ރިސޯޓުގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާއާ ގުޅިގެން ދެކުނު ޕްރޮވިންސް އޮފީސް ސްޓޭޓް މިނިސްޓަރ މުހައްމަދު ނަސީރު ވަނީ އެ މީހުންނާ މިއަދު ބައްދަލު ކުރައްވައިފައެވެ. އަދި ޕްރޮވިން އޮފީހުގެ ފަރާތުން ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އިސްފަރާތްތަކާއި މިއަދު ބައްދަލުކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ސަރުކާރުން އެ މުވައްޒަފުންގެ ހިމާޔާތުގައި ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށް ޕްރޮވިންސް އޮފީސް ސްޓޭޓް މިނިސްޓަރ މުހައްމަދު ނަސީރު ވަނީ ވިދާޅުވެފައެވެ.


އެ ކަމާ ގުޅިގެން ޝަންގްރިއްލާ ވިލިނގިލި ރިސޯޓްސްގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން ލެސްލީ ގާސިއާ މިއަދު ވިދާޅުވީ މިއަދު ހަވީރު ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ޕްރޮވިންސް އޮފީސް ބޭފުޅުންނާއި މެދު މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި 60 މުވައްޒަފުންނާ މެދު އަޅާނެ ފިޔަވަޅުތަށް އެ މަޝްވަރާ ބައްދަލުވުމަށްފަހު ހިއްސާކުރައްވާނެ ކަމަށެވެ.