11 Nov 2015, 09:56
ހޯމްފުޑް ނުވަތަ ގޭގައި ތައްޔާރުކުރާ ކާނާ ކާމީހުންގެ ސިއްޙަތު ހޮޓާތަކާއި ރެސްޓޯރެންތަކުން ކާމީހުންގެ ސިއްޙަތަށްވުރެ މާބޮޑަށް ދުޅަހެޔޮކަން އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
ގޭގެ ކެއުމަށް ބަރޯސާވާމީހުންނާއި ހޮޓާތަކާއި ރެސްޓޯރެންތަކުގެ ކެއުމަށް ބަރޯސާވާމީހުން ހިމެނޭގޮތަށް 58 ހާސް ފިރިހެނުންނާއި 41 ހާސް އަންހެނުން ހިމަނައިގެން ކުރި މިދިރާސާ އިން ހާމަވިގޮތުގައި އާންމުކޮށް ގޭގައި ތައްޔާރުކުރާ ކާނާ ކާމީހުންގެ ތެރޭގައި ހަކުރުބަލިޖެހިފައިވާ މީހުންނާއި ލޭމައްޗަށްދާ މީހުންނާއި ސްޓްރޮކާއި ކެންސަރު ފަދަ ބަލިތައް ޖެހިފައިވާމީހުންގެ އަދަދު މަދެވެ. އަދި ހޮޓާ ރެސްޓޯރެންޓްތަކުން ކާމީހުންގެ ތެރޭގައި ހަކުރުބަލިޖެހިފައިވާ މީހުންނާއި ލޭމައްޗަށްދާ މީހުންނާއި ސްޓްރޯކާއި ކެންސަރުފަދަ ބަލިތައް ޖެހިފައިވާމީހުންގެ އަދަދު 13 އިންސައްތައަށް އިތުރެވެ.
މިއީ 40 އަހަރުގެ ދިގުމުއްދަތެއްގައި ކޮށްފައިވާ ދިރާސާއެކެވެ. މިދިރާސާ ކުރި ފަރާތްތަކުން ގޭގައި ތައްޔާރުކުރާ ކާނާއާއި ހޮޓާ ރެސްޓޯރެންޓްތަކުގައި ތައްޔާރުކުރާ ކާނާގެ ސާމްޕަލްތައް އެކި ދުވަސްވަރު މަތިން ނަގައި އެތައް ފަހަރަކު ތަހްލީލްކޮށް ދިރާސާކޮށްފައިވާ އިރު ގޭގައި ތައްޔާރުކުރާ ކާނާ ސިއްޙީ ގޮތުން މާރަނގަނޅުކަން ވަނީ ހާމަވެފަ އެވެ. މިގޮތުން ހޮޓާ ރެސްޓޯރެންޓްތަކުގެ ކާނާގައި ތެލާއި ފެޓްގެ ބާވަތްތަކާއި ކޮލެސްޓްރޯލް އެކުލެވޭ މިންވަރު ގޭގައި ތައްޔާރުކުރާ ކާނާއަށް ވުރެ މާމަތިކަން މިހުރިހާ ތަހްލީލްތަކުން ވެސް ހާމަވެފައި އެވެ. އަދި ގޭގައި ކާނާ ތައްޔާރުކުރާ އިރު އާންމު ގޮތެއްގައި ސިއްޙީ ކަންކަމަށް ރިޢާޔަތްކޮށްގެން ކާނާތައްޔާރު ކުރާކަމާއި ހޮޓާ ރެސްޓޯރެންޓްތަކުގެ ކާނާގެ މީރު ނަމަވެސް އެތަކެތި ތައްޔާރު ކުރާއިރު ސިއްޙީ ގޮތުން މާބޮޑަށް ނުބަލައި ބޮޑަށް ބަލަނީ ރަހައާއި އަވަސްމިނަށްކަންވެސް ހާމަވެފައިވެ އެވެ.
ހަކުރުބައްޔާއި ލޭމައްޗަށްދިޔުމާއި ކެންސަރާއި ސްޓްރޯކް ފަދަ ބަލިތައް ޖެހުމުގެ ފުރްސަތު ކުޑަކުރުމުގައި ބަރާބަރަށް ކަސްރަތު ކުރުމާ އެކު ތެލުގެ ބާވަތްތަކާއި ތެލުލި ކާނާއާ އަދި ހަކުރާއި ފެޓްގެ ބާވަތްތައް ކެއުން މަދުކުރުން ހިމެނެ އެވެ. މީގެއިތުރުން މޭވާއާއި ތަރުކާރީ ކޮންމެ ދުވަހަކު ވެސް ކެއުމާއި އެކި ބާވަތުގެ ފަތާއި ފަރުމަހާއި އެކިބާވަތުގެ ނަޓްސް ކެއުން ގިނަކުރުން ހިމެނޭކަމަށް ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ވިދާޅުވެ އެވެ. (ނޮވެސްޓީ)