ކޮޅުނބުން: މުހައްމަދު ސިމާއު

ޒަހަމްތަކަކާއެކު މަރުވެފައި އޮތްވައި ލަންކާއިން ފެނުނު ހ. ހަންޑްރެޑް ފްލާވާ ހުސެއިން ރަޒީން (ރަބަރޭ) މަރާލާފައި ވަނީ ރާއްޖޭގެ ދެ ގޭންގެއްގެ ދެމެދު އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ކަމަށާއި އޭނާ މަރާލާފައި ވަނީ ކޮންޓްރެކްޓް އުސޫލުން ފައިސާ ދީގެން ކަމަށް ސްރީ ލަންކާގެ ފުލުހުން ބުނެފި އެވެ.

ސްރީ ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ، ޑެއިލީމިރާ އިން މިއަދު ބުނެފައި ވަނީ، ރަޒީން މަރާލި މައްސަލާގައި ކަލުބޯވިލާއިން އިއްޔެ ދިވެއްސަކާ ލަންކާގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ލަންކާގެ ފުލުހުން ބުނާ ގޮތުން، އިއްޔެ ހައްޔަރު ކުރި ލަންކާ މީހާގެ މައުލޫމާތު ލިބިފައި ވަނީ ހައްޔަރުކުރި ދިވެހި މީހާގެ ފަރާތުން ކަމަށެވެ.

ރަޒީންގެ މަރުގެ މައްސަލާގައި އިއްޔެ ދެ މީހަކު ލަންކާއިން ހައްޔަރުކޮށްފައިވާއިރު، އެ މައްސަލާގައި މީގެ ކުރިން ވެސް ވަނީ ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާގެ ތަފްސީލެއް ދިވެހިން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގެ ފުލުހުން ބުނިގޮތުގައި، ރަޒީން މަރާލާފައި ވަނީ 140 މިލިއަން ރުޕީސް ގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި އޭނާ މަރާލި މައްސަލާގައި އިއްޔެ ހައްޔަރުކުރި ދިވެހި މީހާ ހައްޔަރުކުރި ލަންކާ މީހާއަށް 500،000 ސްރީ ލަންކަން ރުޕީސް ދީފައިވާ ކަމަށް ވެސް މިހާތަނަށް ކުރި ތަހުގީގުން ހާމަވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެ އެވެ.

ލަންކާގެ ފުލުހުން ބުނާ ގޮތުން އެ މައްސަލާގައި އެގައުމުގައި ދުއްވާ ވޭނެއް ވެސް ވަނީ އަތުލައިގަނެފައެވެ.

ލަންކާގެ ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް އެއްލާލާފައިއޮތްވާ ރަޒީން ފެނިފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާ ފެނުނު ސަރަހައްދުން ދެ ރަންފަށާއި ތަޅުދަނޑިތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ޑެއިލީމިރާގައި މީގެ ކުރިން ބުނެފައިވެ އެވެ.