މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާގެ ފައިދާ މިއަހަރު ވެސް ނުބަހާ ގޮތަށް އެ ކުންފުނިން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

މިރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާގެ ފައިދާ ނުބަހާގޮތަށް ހުށަހެޅީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އެގޮތަށް ހުށަހެޅުމުން ޖަލްސާއަށް ހާޒިރުވި 85 ޕަސެންޓް ހިއްސާދާރުންގެ ވޯޓުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.

މިރޭގެ ޖަލްސާގައި ވަނީ ކުންފުނީގެ ބޯޑަށް އާއްމުންގެ ފަރާތުން ހޮވާ ޑިރެކްޓަރުން ވެސް ހޮވާފައެވެ. ޑިރެކްޓަރުންގެ ވޯޓްގެ ކަންތައް ހިނގާ ގޮތް ބެލުމަށް އާންމު ހިއްސާދާރުންގެ ފަރާތުން ހިއްސާދާރަކު ބައިވެރިވުމުގެ ފުރުސަތު ހުޅުވުމުން އެއްވެސް ހިއްސާދާރަކު ޝައުގުވެރިކަން ފާޅެއް ނުކުރިއެވެ. އެހެންކަމުން ވޯޓްލުން ކުރިއަށްދާ ގޮތް ހިއްސާދާރުންގެ ފަރާތުން ބެލީ އެމްޓީޑީސީގެ މުވައްޒަފެކެވެ.

އެގޮތުން އާއްމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުނީގެ ބޯޑަށް ވަނީ ހަ މެންބަރުން ހޮވާފަ އެވެ. އެ މެންބަރުންނަކީ، އަބްދުﷲ ނިސާމް، ދަފްތަރު 2613 އާއި އައިމިނަތު މުހައްމަދު މޫސާ، މއ. ޗަމްޕާ ސްޓާ އާއި އާރިފް އަބްދުއް ސަމަދު، މ މެޖެންޓާ އާއި އަހުމަދު ނިޔާޒް، ސ މީދޫ ހަސަންކާރީގެ އާއި ޒީޝާން އަބްދުއް ރަހީމް، ސްޓާލިން ބ. އޭދަފުށި އަދި މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް އެވެ.

މިރޭގެ ޖަލްސާގައި ވަނީ ކުންފުނީގެ އަހަރީ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓް ވެސް ފާސްކޮށްފައެވެ.

މިއަހަރު ކުންފުނީގެ މާލީ ހިސާބުތައް އޮޑިޓް ކުރުމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މާލީ ހިސާބުތަކުގެ އޮޑިޓެއްގެ ގޮތުގައި އައްޔަންކޮށްފައި ވަނީ އާނެސްޓް އެންޑް ޔަންގް އެވެ. އެ ކުންފުންނަށް 227،370 ރުފިޔާ އަށް އޮޑިޓްކުރަން ހުށަހެޅި އިރު، 2014 ވަނަ އަހަރު އެމްޓީޑީސީގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި ހަރަކާތްތެރިވީ އެ ކުންފުންޏެވެ.

އެމްޓީޑީސީ އަށް 2014 ވަނަ އަހަރު ސާފު ފައިދާ އަށް 13.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިރޭގެ ޖަލްސާ އަށް ހާޒިރުވީ ވަރަށް މަދު ހިއްސާދާރުކަން ފާހަގަކުރެވެއެވެ. އެ ގޮތުން ޖަލްސާ އަށް ހާޒިރުވީ ގާތްގަނޑަކަށް 26 ހިއްސާދާރުންނެވެ. މިއީ ކުންފުންޏެއް އަހަރީ ޖަލްސާއަކަށް މިއަހަރު މިހާމަދުން މީހުން ހާޒިރުވި ފުރަތަމަ ޖަލްސާއެވެ.