ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީއަށް ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ލިބިވަޑައިގެންފި އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި 19 ބޭފުޅަކަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގެންފައިވާއިރު

ސިނާނަށް ގައުމީ އިނާމް ލިބިވަޑައިގެންނެވީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ބްރޯޑްކާސްޓް ކުރުމާއި ނޫސްވެރިކަން ކުރިއެރުވުމުގެ ރޮނގުންނެވެ.

ނޫސްވެރިކަމުގައި މިއަދު ނޫހާއި ހަވީރު ނޫހުގައި ވެސް މަސައްކަތްޕުޅު ކުރެއްވި ސިނާން ސަން މީޑިއާގެ ގްރޫޕް ހިންގެވުމާ ހަވާލުވެވަޑައިގަތުމަށްފަހު، އޭނާ ވަނީ ސަން ޓީވީ އާއި ސަން އޮންލައިން އާއި ސަން މެގަޒިންގެ އިތުރުން ސަން ސްޓޯރު ވެސް އުފައްދަވާފައެވެ. ސިނާން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 14 އަހަރު މަސައްކަތް ކުރައްވާފަ އެވެ.

ސިނާން އަކީ ނޫސްވެރިކަމުގެ ރޮނގުން ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އިންޑިއާ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްއިން ނޫސްވެރިކަމުގެ ދާއިރާން ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާ ސިނާން ވަނީ ފުރިހަމަ ކުރައްވާފައެވެ.

ސީނާނަކީ ހަބަރު ލިޔުއްވުމުގެ އިތުރުން ޕްރެޒެންޓު ކުރުމުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން މީގެ ހަ އަހަރު ކުރިން ސަންއެފްއެމުން ގެނެސްދޭ "އާ ފެށުން" ޕްރޮގުރާމަކީ އާންމުންގެ މަގުބޫލްކަން ވަރަށް ބޮޑަށް ލިބިފައިވާ ޕްރޮގުރާމެކެވެ.

ސިނާންގެ އިތުރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންތެ ތެރޭގައި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހަވީރު ނޫހުގެ ނޫސްވެރިޔާ އަހުމަދު ހަމްދޫނަށް ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގެންވި ބޭފުޅުންގެ ތެރޭގައި ކީރިތި ގުރުއާން ކިޔެވުމާއި އެ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން އިބްރާހިމް ޝިފާއު އާއި ވާހަކަ ލިޔުމުގެ ދާއިރާއިން ޔަފްސާ އަބްދުލް ޣަނީ އާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ދާއިރާއިން ޒެނީޝާ އަހުމަދު ޒަކީ އާއި ފަތުރުވެރިކަމުގެ ދާއިރާއިން (ކެއްކުމުގެ ރޮނގުން) އަބްދުﷲ ސޮބާހުހިމެނެއެވެ.

އޭގެ އިތުރުން އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން މަރިޔަމް ފަޒްނީ އާއި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން އައްބާސް މުހައްމަދުއަށާއި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން މުހައްމަދު އިބްރާހިމް އާއި ދަތުރުފަތުރު ކުރުމުގެ ދާއިރާއިން އިލްޔާސް މުހައްމަދު އާއި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން މަރިޔަމް ވަހީދާ ވެސް ވަނީ ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންފަ އެވެ. ހަމައެއާއެކު ކުޅިވަރުގެ ދާއިރާއިން ފަރުހަތު ޖަލީލު އާއި އާމިރު މަންސޫރު އާއި ކުޅިވަރުގެ ބޭސްވެރިކަމުގެ ދާއިރާ އަހުމަދު ޝަކީބް އަށް ވަނީ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ.

ވިޜުއަލް އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމް ހުސައިން އަލިމަނިކުއަށާއި ޔާމިން ރަޝީދު އަށާއި މުހައްމަދު ރިޟުވާން އަށް ލިބިފައިވާއިރު ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއިން އިބްރާހިމް ރަޝީދުއަށް ވަނީ ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންފައެވެ.