ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އިނާމު ތިން ބޭފުޅަކަށް ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުގެ އިނާމް ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ދީނީ އިލްމު އުނގައްނައިދިނުމުގެ ދާއިރާއިން އިބްރާހިމް ރަޝީދު މޫސާ އާއި ޅެންވެރިކަން ކުރިއެރުވުމުގެ ދާއިރާއިން ރަމްލާ އަބްދުލް ޣަނީ އާއި މަސްވެރިކަމާއި މަސްވެރިކަމުގެ މައުލޫމާތު ފެތުރުމުގެ ދާއިރާއިން މައިޒާން އަހުމަދު މަނިކުއަށެވެ. އެތިން ބޭފުޅުންނަށްވެސް ޝަރަފުގެ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ.

ޝަރަފުވެރިކަމުގެ އިނާމް އިބްރާހިމް ރަޝީދު މޫސާއާއި ހަވާލު ކުރައްވަނީ: ފޮޓޯ: ރައީސް އޮފީސް

ދީނީ އިލްމު އުނގައްނައިދިނުމުގެ ދާއިރާއިން:

އިބްރާހިމް ރަޝީދު މޫސާ

އެމަނިކުފާނަކީ މިސްރުގެ އަލްޖާމިރު ޔުނިވާސިޓީން މަތީ ތައުލީމް ހާސިލްކުރައްވައިގެން ރާއްޖެ ވަޑައިގަތީންސުރެ ރާއްޖޭގައި އިސްލާމީ ތައުލީމާއި އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް މަަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

ރާއްޖޭގައި އަރަބި ތައުލީމް ފެތުރުމަށް އިބްރާހިމް ރަޝީދު މޫސާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު އޭނާ ވަނީ ތަފާތު ދީނީ ޕުރޮގުރާމްތަކެއް އުފައްދަވައި ހޭލުންތެރިކަން އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ގުރުއާން ކިޔަވަން ދަސްކުރަމާތޯ ނަމުގައި 365 ޕުރޮގުރާމް ގެނެސްފައިވެއެވެ. ހަމައެހެންމެ ދިވެހި ރާއްޖޭޭގެ އަޑު މެދުވެރިކުރައްވައި ނަމާދުކުރާނެ ގޮތް ދަސްކޮށްދިނުމަށް ޕުރޮގުރާމާއި ރޯދަމަހު ޓިވީއެމްއިން ދައްކާ މުހައްމަދު ރަސޫލުﷲ ގެ ތަރުޖަމާން ހަދާފައިވެއެވެ.

އެމަނިކުފާނަށް މީގެ ކުރިން ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމެއް ލިބިވަޑައިގެންފައެވެ.

ޝަރަފުވެރިކަމުގެ އިނާމް އިބްރާހިމް ރަމްލާ އާއި ހަވާލު ކުރައްވަނީ: ފޮޓޯ: ރައީސް އޮފީސް

ޅެންވެރިކަން ކުރިއެރުވުމުގެ ދާއިރާއިން

ރަމްލާ އަބްދުލް ޣަނީ

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޅެންވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމް ލިބިވަޑައިގެންނެި ރަމްލާއަކީ ކުޅަދާނަ ޝާއިރާއެކެވެ. އުމުރުން 17 އަހަރުގައި ޅެން ހައްދަވަން ފައްޓާފައިވާއިރު މިހާތަނަށް ވަނީ ގިނަގުނަ މައުލޫތަކަކަށް އެތައް ޅެމެއް ހައްދަވާފައެވެ.

ރަމްލާގެ އެތައް ޅެމެއް ވަނީ ރާއްޖޭގައި ނެެރެފައިވާ އެތައް މަޖައްލާއަކާއި ނޫސްތަކެއްގައި ޝާއިއުކޮށްފައެވެ. ރަމްލާ ވަނީ ރާއްޖެއިން ބޭރުގައިވެސް ޅެންވެރިކަމުގެ މަސައްކަތްތައް ކުރައްވާފައެވެ.

ދިވެހި އަދަބިއްޔާތައް ހިދުމަތް ކުރުމުގެ ދާއިރާއިން ދިވެހި ޅެންވެރިކަމުގެ ރޮގުން ހިތްވަރު ދިނުމުގެ އިނާމް 2000 ވަނަ އަހަރު ރަމްލާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޝަރަފުވެރިކަމުގެ އިނާމް މައިޒާން އަހުމަދު މަނިކު އާއި ހަވާލު ކުރައްވަނީ: ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަމާއި މަސްވެރިކަމުގެ މައުލޫމާތު ފެތުރުމުގެ ދާއިރާއިން

މައިޒާން އަހުމަދު މަނިކު

މަސްވެރިކަމުގެ ދާއިރާއަށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ޝަރަފު ވެރިކަމުގެ އިނާމް މައިޒާން އަހުމަދު މަނިކަށް ދެއްވާއިރު އޭނާއަކީ 1971 ވަނަ އަހަރުން ފެށިގެން އެދާއިރާއަށް ޚިދުމަތްކުރައްވަމުން އަންނަ ފަރާތެކެވެ.

މައިޒާން އަހުމަދުގެ ޚިދުމަތް ފުރަތަމަ ފެށިގެން އައީ މަސްވެރިންނަށް ވޯކީޓޯކީގެ ޚިދުމަތްދޭން ފެށިހިސާބުންނެވެ. މިވޭތުވެދިޔަ 44 އަހަރު ތެރޭގައި އޭނާ ވަނީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށާއި މަސްވެރިކަމުގެ ދާއިރާއަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި ޖީޕީއެސް ރާއްޖެއަށް ތައާރަފްކުރުމާއި 40 ޗެނަލްގެ ސީބީ ސެޓް ތައާރަފް ކުރުން ހިމެނެއެވެ. ހަމައެއާއެކު "ފިސްފައިންޑާ"ވެސް ވަނީ މަސްވެރިންނަށް ތައާރަފްކޮށްފައެވެ. މީގެ އިތުރުންވެސް ތަފާތު ޓެކްނޮލޮޖީތައް މަސްވެރިކަމަށް ތައާރަފްކޮށްފައިވެއެވެ.

މައިޒާން އަހުމަދު މަނިކަކީ ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި އާންމު ހިދުމަތުގެ އިނާމްވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.