ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭގޮތުން އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފުރުސަތެއް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ހުށަހެޅި ސިޓީ މަޖިލީހުގެ އިދާރާއިން ބަލައެއްނުގަތެވެ.

އެކަން ޕީޖީ މުހުތާޒު ވެސް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އެހެންނަމަވެސް އިތުރު އެއްޗެއް އެމައްސަލައާ ގުޅިގެން ވިދާޅެއްނުވެ އެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބުދާރީވުމުގެ ފުރުސަތެއް ޕީޖީ މުހުތާޒަށް ދެއްވުމަށް އެދި މަޖިލީހުގެ ރައީސަށް އޭނާ ސިޓީއެއް ހުށަހަޅާފައިވާއިރު ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިރޭ ވަނީ ނިންމާ އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ. އަދި ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން މިރޭ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިއަދުގެ ވަގުތެއްގަ އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ ސަރުކާރުގެ ދެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރެއްގެ ސޮއިއާ އެކު އެވެ.

ޕީޖީ މުހުތާޒާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް އޭނާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

ސަބް ކޮމެޓީގެ ބައްދަލުވުން ނިންމާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހުތާޒު ވިދާޅުވީ، އެމަނިކުފާނުގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކަމަށެވެ. އެހެންކަމުން އެ ތުހުމަތުތަކުން ބަރީއަވުމަށްޓަކައި ފުރުސަތު ލިބެންޖެހޭނެ ކަމަށް މުހުތާޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށެވެ.

"އެ ތުހުމަތުތަކުން ބަރީއަ ވުމަށްޓަކައި އެޓުލީސްޓު އަޅުގަނޑުގެ މަގާމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިއަސް މައްސަލައެއް ނެތް. އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ އެ ތުހުމަތުތައް އާއްމުކޮށްފައިވާއިރު އެކަންކަމުން ބަރީއަވުމަށްޓަކައި އަޅުގަނޑަށް ފުރުސަތު ދެއްވަން ޖެހޭނެ،" މުހުތާޒު ވިދާޅުވި އެވެ.