ޅ. ނައިފަރުން ފުރައިގެން ބ. ކަމަދޫ އަށް ދަތުރު ކުރަމުން ދިޔަ "ކްރިސްޓަލް" ނަމަކަށް ކިޔާ ލޯންޗެއް ރާޅަކާ ޖެހި ލޯންޗު ފަޅައިގެން ގޮސް ބަރަވެރި ކަނޑުގެ އަޑިއަށް ލޯންޗު ހިނގައްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ މިރޭ އިރުއޮށްސި 18:30 އެހާކަށްހާއިރު ކްރިސްޓަލް ނަމަކަށް ކިޔާ ލޯންޗެއް ބ. ކަމަދޫއަށް ދަތުރު ކުރަމުން ދަނިކޮށް ރާޅެއްގައި ޖެހި އެ ލޯންޗު ފަޅައިގެން ދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެވަގުތު ލޯންޗުގައި ތިބީ ތިން ޕަސިންޖަރުންނާއި ދެ ފަޅުވެރިން ކަމަށެވެ. އަދި ލޯންޗު އަޑިއަށް ދިއުމުން ބ. ކަމަދޫ ލޯންޗަކުން އެ ފަސް މީހުން ކަނޑުން ނަގައިގެން ކަމަދޫއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ފަސް މީހުންގެ ތެރެއިން ދެ މީހަކަށް ޕެޓުރޯލުގެ އަސަރު ކުރުމުގެ ސަބަބުން ކަމަދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ކަމަދޫ ކައުންސިލުގެ ރައީސް އަހުމަދު ސަމީރު "ސަން" އަށް ވިދާޅުވީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އެހެންނަމަވެސް އަދި އެ ދެ މީހުން ހެލްތު ސެންޓަރުން ދޫ ނުކޮށްލާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަމީރު ވިދާޅުވީ އެ ލޯންޗުން ދަތުރު ކުރި އަނެއް ތިން މީހުންގެ ހާލު ރަނގަޅު ކަމަށެވެ.