ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލަށް އަރާވަރު ކޮންޓްރޯލްކުރުމަށް އެހީވުމުގެ ގޮތުން، އެ ކަސްޓަމަރުންނަށް ދިރާގުން "ޔޫސޭޖް ލިމިޓް" ކަނޑައަޅާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ، އަންނަ ބުދަ ދުވަހުން ފެށިގެން ޕޯސްޕެއިޑް ކަސްޓަމަރުންނަށް ޔޫސޭޖް ލިމިޓް ނުވަތަ ފޯނުކުރުމާއި އެސްއެމްއެސް އަދި އެހެނިހެން ހިދުމަތްތައް ބޭނުން ކުރުމަށް ވަކި ލިމިޓެއް ކަނޑައަޅަން ނިންމީ، ހިދުމަތްތައް ބޭނުންކޮށްގެން ބިލަށް އަރާވަރު ކޮންޓްރޯލްކުރުމުގެ ބާރު ކަސްޓަމަރުންގެ އަތަށް ދިނުމަށް ކަމަށެވެ.

"ލައިނަށް އަރާވަރު ނުވަތަ ބިލަށްއަރާ ވަރު ކަސްޓަމާއަށް ކޮންޓްލޯލްކުރުން، ނޫނީ ކަސްޓަމާގެ އަތަށް ދިނުން މީގެ ބޭނުމަކަށް މި އިންނަނީ. އެއީ ކަސްޓަމާ އަށް އެބައެނގޭ ތިމަންނަގެ ބިލު އެންމެ ބޮޑުވެގެން އަރާނީ މިވަރުކަން،"
ސަން އަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ހެޑް އޮފް މާކެޓިން އަހްމަދު މައުމޫން )މާނު( މިއަދު ވިދާޅުވި އެވެ.
އަދި އެ ލިމިޓް ކަނޑައަޅަނީ ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އިން ފޯނު ބޭނުންކުރި ހަ މަސް ދުވަހުގެ ބިލަށް ކަސްޓަމަރު ފައިސާ ދައްކައިފައިވާ މިންވަރަށް ބަލައިގެން ކަމަށާއި އަދި އެ ކަސްޓަމަރެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެހެނިހެން ލައިންތަކަށް ބިލު ދައްކަމުންދާ ގޮތަށް ބަލައިފައި ކަމަށް ވެސް މާނު ވިދާޅުވި އެވެ.

އަދި ޕޯސްޓްޕެއިޑް ކަސްޓަމަރަކު ނަގައިފައިވާ ޕެކޭޖަށް ކޮންމެ މަހަކު ދައްކާ ފައިސާ އަށް ވުރެ ޔޫސޭޖް ލިމިޓް އިތުރުވާނެ ކަމަށާއި ލިމިޓް ކަނޑައަޅަނީ ވެސް އެ ޕެކޭޖަށް ވުރެ އިތުރަށް ކަސްޓަމަރު ބޭނުންކުރާ ހިދުމަތްތަކަށް ބިލަށް އަރާ ފައިސާ އަށް ބަލައިގެން ކަމަށް މާނު ވިދާޅުވި އެވެ.

އަދި މާނު ވިދާޅުވީ، އޭޕްރިލް 6 ވަނަ ދުވަހުން ފެށިގެން ޔޫސޭޖް ލިމިޓް ކަނޑައަޅަން ފެށި ނަމަވެސް، ހުރިހާ ޕޯސްޕެއިޑް ކަސްޓަމަރުންނަށް އެ ލިމިޓް ކަނޑައަޅައި ނިމޭނީ މެއި މަހުގެ ނިޔަލަށް ކަމަށާއި ޔޫސޭޖް ލިމިޓް އެކްޓިވޭޓްވުމުން ކަސްޓަމަރުގެ ފޯނަށް ފޯނަށް މެސެޖެއް ލިބޭނެ ކަމަށެވެ. އަދި އިތުރަށް މާނު ވިދާޅުވި އެވެ؛

"ޔޫސޭޖް ލިމިޓް ހަމަވުމުގެ ކުރިން އަޅުގަނޑުމެން އަންގާނަން ކަސްޓަމަރުންނަށް އެސްއެމްއެސް އަކުން. އެގޮތުން އެ ލިމިޓް 70 ޕަސަންޓަށް އެރީމަ އިންފޯމްކުރާނަން. އަށްޑިހަ ފަސް ޕަސަންޓަށް އެރީމަ އަނެއްކާ ވެސް އިންފޯމްކުރާނަން،"

ޔޫސޭޖް ލިމިޓް އެއްކޮށް ހަމަވާ ހިސާބުން ދިރާގުން ހަމަޖައްސައިފައި ވަނީ، އެ ޕޯސްޕެއިޑް ކަސްޓަމަރެއްގެ ފޯނުން ކޯލު ނުކުރެވޭ ގޮތް ހެދުމަށެވެ.

ނަމަވެސް، ކަސްޓަމަރުންނަށް ފަސޭހަ ކުރުމަށްޓަކައި އެ ކަސްޓަމަރަކު މަހެއްގެ މައްޗަށް ފޯނު ބޭނުންކުރަން ބޭނުންވާ މިންވަރަށް ޔޫސޭޖް ލިމިޓް އިތުރުކުރުމަށް، ނުވަތަ ދަށްކުރުމަށް ވެސް ދިރާގުން ވަނީ ފުރުސަތު ދީފަ އެވެ. އެގޮތުން ލިމިޓް ހަމަވާން ކައިރިވަމުންދާކަން އަންގައިދިނުމަށް ދިރާގުން ފޮނުވާ އެލާޓުގެ ބޭނުމަކީ ކަސްޓަމަރަށް އެކަމަށް މަގުފަހުކޮށް ދިނުން ކަމަށް ދިރާގެ މާކެޓިން ހެޑް ވިދާޅުވި އެވެ.

"މިސާލަކަށް އެސްއެމްއެސް ލިބިލައް ވަނީ މަހުގެ 20 ނޫނީ 25 ހިސާބުގައި ކަމަށްވެފައި އަދި ބާކީ ދުވަސްތަކެއް އޮވެއްޖެއްޔާމުން މަސް ނިމި، 100 ޕަސަންޓަށް ލިމިޓް އަރާ، ފޯނުގެ ހިދުމަތް މެދުކެނޑެން ބޭނުންނުވާ ކަމަށްވަންޏާ ކަސްޓަމަރަށް އެބައޮތް ފުރުސަތު ކޮންމެވެސް އެއްޗެއް ޕޭކޮށްގެން އެ ލިމިޓް މައްޗަށް ޖެއްސުން ނޫނީ އަޅުގަނޑުމެންނާ ގުޅައިގެން މިހާރު ސެޓްކޮށްފައި އިން ލިމިޓަށް ވުރެ ބޮޑަށް އެ މައްޗަށް ޖައްސަން،" މާނު ވިދާޅުވި އެވެ.

މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބިލު ކޮންޓްރޯލްކުރެވި، އެ ބިލަށް ބަރާބަރަށް ފައިސާ ދައްކަން ފަސޭހަވެގެންދާ އިރު، ބިލު ނުދައްކާ ކަސްޓަމަރުންގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި އެ ހިދުމަތް ރަނގަޅު ގޮތުގައި ބަލައިގަތުމަށް ވެސް ދިރާގުން އެދެ އެވެ.

"އަޅުގަނޑުމެންނެއް ކުންފުންޏަކަށް ވެހުރެ ބޭނުންނުވާނެ ގައިމު ވެސް ކަސްޓަމަރުން މަދުކުރަން. އިތުރުކުރަން ބޭނުންވާނީ. ފަސޭހަކޮށްދޭން ކަސްޓަމަރުންނަށް." ދިރާގެ މާކެޓިން ޓީމުން ބުންޏެވެ.

ދިރާގުން ބުނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 727 އަށް އެސްއެމްއެސް ކޮށްގެންނާއި 123 އަށް ގުޅައިގެން ޔޫސޭޖް ލިމިޓަކީ ކިހާވަރެއްކަން ބެލޭނެ ކަމަށެވެ.