10 Nov 2015, 22:14
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެ ހާލަތު އުވާލުމަކީ އުނދަގޫ ނިންމުމެއް ކަމަށް އެމަނިކުފާން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އުވާލީ އުނދަގުލުން ކަމަށާއި އެއީ ނިންމަން ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާން ވިދާޅުވީ އެ ނިންމުމަކީ ރައްޔިތުންނަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.
"މިއީ އަޅުގަނޑަށް މިފަހަކަށް އައިސް ދިވެހި ތާރީހުގައި ނަގަންޖެހުނު އެންމެ އުނދަގޫ ޑިސިޝަން، އާދެ އަޅުގަނޑަށް ނަގަން ޖެހުނު ހަމަގައިމު ވެސް އެންމެ އުނދަގޫ ނިންމުން މިއީ. އަޅުގަނޑު ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ ކުއްލި ނުރައްކަލިގެ ހާލަތު އިއުލާން ކުރުމާއި އުވާލުމަކީ ގައުމުގެ މަސްލަހަތަށް ކުރި ކަންކަން ކަމަށެވެ.
ކުއްލި ހާލަތު އިއުލާން ކުރުމާއެކު ދިވެހިންގެ މަދު ބަޔަކު ބޭރުގެ ފަރާތްތަކަށް ދައުވަތު ދީފައިވާ ކަމަށާއި ކުއްލި ހާލަތު އިއުލާން ކުރުމަކީ ހައްގު ކަމެއް ނޫން ކަމަށް އެކި ފަރާތްތަކުން ވަކާލާތު ކުރި ކަމަށެވެ. އެ ވާހަކަތައް ބަލައިގަންނަން ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"މިއަދު ވެސް އަޑުއިވެމުން ދަނީ ސިނާއަތްތައް ބޮއިކޮޓް ކުރަން ގޮވަމުންދާތަން. ފަތުރުވެރިން ޒިޔާރަތް ކުރަން މިއީ ނުރައްކާތެރި ތަނެއް ކަމަށް ގޮވާއަޑު. މި އަޑު ފެށިގެން މިދަނީ ރައްޔިތުންގެ ފަރާތުން،" ރައީސް ޔާމީން ވިދާޅުވިއެވެ.
މާލޭގެ އެކި ތަންތަނުންނާއި ކަނޑު ފީނައިގެން ހަތިޔާރު ހޯދާފައިވާ ކަން ފާހަގަ ކުރައްވައި އެމަނިކުފާން ވިދާޅުވީ އެކަންކަމަކީ ފަނާކުރުވަނިވި ކަންކަން ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ ވަކިވަކި ފަރުދުންނަށް ހައްގު އޮންނަ ފަދައިންް ގައުމެއްގެ ހައްގު އޮންނަ ކަމަށެވެ. އެ ހައްގު ބީކޮށްލުމުގެ ހައްގު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށާއި ކޮންްމެ ރައްޔިތެއްގެ އަޒުމަކަށް ވާންވާނީ އެ ހައްގު ރައްކާތެރިކޮށްފައި ބޭއްވުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.