10 Nov 2015, 22:04
ޕުރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މިރޭ އިދިކޮޅު އެމްޑީޕީން ބައިވެރިނުވާނެ ކަމަށް އެޕާޓީން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ މެމްބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީން ބައިވެރިނުވާން ނިންމީ އުސޫލީ މައްސަލަތަކާ ހެދި ކަމަށެވެ. އަދި ވިދާޅުވީ މީހެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާއިރު އެ ވޯޓު ނަގަންޖެހެނީ ކީއްވެގެން ކަން މެމްބަރުންނަށް އެނގެންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ނައިބު ރައީސް އަދީބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް ބައިވެރިނުވާ އުސޫލުން މި ވޯޓުގައިވެސް ބައިވެރިނުވާން މި ނިންމީ. އެއީ އުސޫލީ މައްސަލަތަކެއް ގާނޫނާއި ހިލާފަށް ކަންކަން ގެންގޮސްފައިވާތީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މަޖިލީހުގައި ކަމެއް ނިމިގެން ދާއިރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައްޔިތުންގެ މަންދޫބުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އެނޫން ގޮތަކަށް ކަންކަން ކުރާ ކަމަށް ވަނީ ނަމަ އެބޭފުޅުންގެ ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައިގެ ހަގީގަތް ނޭނގި މީހެއްގެ އިތުބާރު ނެތް މައްސަލައެއްގެ ވޯޓެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ. ރޮޒެއިނާ ވިދާޅުިވީ އެމްޑީޕީން ވޯޓުގައި ބައިވެރިނުވި ކަމުގައި ވިއަސް މިރޭ އޮންނަ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮމެޓީ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރައްވަން ބޭނުންފުޅުވާ މެމްބަރުންނަށް ބަހުސް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ކޮމެޓީއަށް މުއައްސަސާއެއްގެ މީހެއް ހާޒިރު ކުރައްވާ ކަމަށްވާ ނަމަ ކޮމެޓީ މެމްބަރުން ނޫން އެހެން މެމްބަރުންނަށް ވެސް ކޮމެޓީ އަޑު އެހުމުގެ ފުރުސަތާއި އެ ކޮމެޓީ ކުރިއަށްދާ ގޮތް އެނގެންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ޑިމޮކްރަޓިކް ނިޒާމެއްގައި ކަންކަން އޮންނަ އުސޫލު ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުން މަޖިލީހުގައި އެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން އަންނަ ކަމަށެވެ.
ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިރޭ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮންނާނެ އެވެ. އެމްޑީޕީން އެ ވޯޓުގައި ބައިވެރިނުވާނެ ކަމަށް އިއުލާނު ކޮށްފައިވާ އިރު އެ ޕާޓީން ވަނީ ކުރީގެ ނައިބު ރައީސް އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ވެސް ބައިވެރިނުވެ މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގެންފަ އެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަމައެކަނި އެމްޑީޕީގެ މެމްބަރަކީ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނަޝީދު (އޭޑީކޭ ނާޝިދު) އެވެ.
ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އެމައްސަލަ ދިރާސާ ކުރެއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ އެ މައްސަލަ ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.