Last Updated: 1 decade 2 week ago

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވަނީ
"ދިވެހިރާއްޖޭގެ ކަންކަން ނިމުމުގެ ގާބިލްކަން ދިވެހިންނަށް ލިބިފައިވޭތޯ؟"
"ދިވެހިރާއްޖޭގެ ކަންކަން ނިންމުމުގެ ހައްގު ދިވެހިންނަށް އެބަ އޮތްތޯ؟"
މިއީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު ނިންމާލެއްވުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހިންނަށް ކުރިމަތި ކުރެއްވި ދެ ސުވާލެވެ.
ޖުމްހޫރީ ވެރީކަމަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ރައްޔިތުންނަށް ބާރުލިބިގެންވާ ވެރިކަމެއް ކަމަށް ވިދާޅުވެ އެ ދެ ސުވާލުގެ ޖަވާބަކަށް "އާއެކޭ" ދެންނެވުމަށް ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނާއި ހަމައަށް އައިސްސަ އަދި ރައްޔިތުންގެ ވެރިކަމެއް މި ނޫން ގޮތަކަށް ބަދަލުކުރުމުގެ އިހްތިޔާރު އަޅުގަނޑުމެންނަށް، ފުރިހަމަ އިހްތިޔާރު އަޅުގަނޑުމެނަށް ލިބިގެންވާއިރު އަޅުގަނޑު ދައްނަވާ ސުވާލަކީ ދިވެހި ރާއްޖޭގެ ކަންކަން ނިންމުމުގެ ގާބިލްކަން ދިވެހިންގެ އެބަހުރިހޭ؟. ދެ ވަނަ ސުވާލަކީ ދިވެހި ރާއްޖޭގެ ކަންކަން ނިންމުމުގެ ހައްގު ދިވެހިންނަށް އޮންނަންޖެހޭ ހެއްޔޭ؟ އަޅުގަނޑާއެކު ތިބޭފުޅުން ވިދާޅުވެ ދެއްވާ އާއެކޭ، އާއެކޭ، އާއެކޭ، މި ހައްގުތައް ދިވެހިންނަށް އޮންނަންވާނޭ،"ރައީސް ޔާމީން
ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތައް ގައުމުގެ ފާހަގަކޮށްލެވޭ އެކި ދާއިރާތަކުގެ އިސްވެރިން ވަނީ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި އަސްކަރިއްޔާގެ ފަރާތްތަކާއި އެދުރުންނާއި ގައުމަށްއެކިއެކި ދާއިރާތަކުން ހިދުމަތްކުރައްވާފައިވާ މީހުންނާއި ހިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތައް ހިމެނެއެވެ. އެ ހުރިހާ ފަރާތަތަކާއި ދިވެހި ރައްޔިތުންނަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުސްތަގުބަލް ބައްޓަން ކުރުމާއި އަޅުގަނޑުމެންގެ އަމާޒު ތަފާތު ގޮތަކަށް ބަދަލު ކުރުމުގެ ހުރިހާ ބާރަކާއި އިހުތިޔާރެއް އެ ފަރާތަކަށް ލިބިގެންވާ ކަމަށެވެ.
ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމެއް ކަމަށްވާއިރު ރާއްޖޭގެ ޖުމްހޫރީ ނިޒާމުގެ 47 އަހަރު ތެރޭގައި ދިވެހިން ޖުމްހޫރީ ވެރިކަމަށް ތަސައްރަފް ނުފުދޭ ބުނެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ކުރާ ސުވާލަކީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކޭ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން އަންނަ ވެރިކަމެކޭ، ރައްޔިތުން އިންތިހާބު ކުރާ ވެރިޔަކު ރައްޔިތުން އިހުތިޔާރުކުރާ ގޮތަކަށް ކަންކަން ނިންމައިދިނުމުގެ ނިޒާމެކޭ ޖުމްހޫރީ ނިޒާމަކީ، އަޅުގަނޑުމެން މި ހޭދަ ކުރަނީ ދިވެހި ޖުމްހޫރިއްޔަތެއްގެ 47 އަހަރު، އަޅުގަނޑުމެންކަށް ނުބުނެވޭނެ މި ރާސްތާއަށް ބަލާއިރު އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތަކަށް އަޅުގަނޑުމެން ތަސައްރަފް ނުފުދެއެކޭ ނުބުނެވޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގައުމަށް އޮންނަ ހައްގުތަކެއް އޮންނަންޖެހޭކަން ގަބޫލްކުރަންޖެހޭ ކަމަށާއި ހުރިހާ ރައްޔިތުންގެ ލޯބި ރާއްޖެއަށް ލިބެންޖެހޭ ކަމަށް ވެސް ރަައީސް މިރޭ ވަނީ ވިދާޅުވެފަ އެވެ. ވަކި ފަރުދަކަށް އަދި ވަކި ޖަމާއަތެއް ކިތަންމެ ވަރުގަދަޔަސް ކިތަންމެ ތަނަވަސް ވިޔަސް ގައުމުގެ ކިބައިން ހައްގުތައް ނިގުޅައިގަނެވިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގައުމުގެ ހައްގަކީ އިސްލާމީ މިނިވަން ދައުލަތެއްގެ ހައްގުގައި އަންނަން އޮތް ޖީލުތަކަށް މި ދައުލަތް ދަތުރުކުރުން، މިއީ ގައުމުގެ ހައްގަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން ހަމަލާއެއް ދީފައިވާ ކަމަށް މިރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ. ބޭރު ގައުމުތަކުން ރާއްޖެ ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ރައީސް ޔާމީން މިރޭ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖެއަކީ އުފެއްދުންތެރި މުއްސަނދި ގައުމަކަށް ވެގެން ދިއުމަށް އުންމީދު ކުރައްވާ ކަމަށާއި ޒުވާން ޖީލަކީ ޒިންމާ އުފުލާ ބަޔަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް.
އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާންނާނާނެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުމެއް ނޫން. އަޅުގަނޑުމެން އުންމީދު ކުރަމުން މިދަނީ މާލެއާއި ހުޅުލެ ގުޅާލެވޭ ފާލަންމަކަށް. 2018 ގެ ކުރިން އެ ފާލަމުން ދަތުރުކޮށްލަން ފުރުސަތު ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،
ކަނޑުފީނާފައި ހަތިޔާރު ހޯދާފައިވާ ކަމަށާއި ގެތަކުން ހަތިޔާރު ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވި. އަދި ވިދާޅުވީ ގޮއްވާތަކެތި ގެތަކުން ފެނިފައިވާ ކަމަށާއި ގޮއްވާ ތަކެތި ބޭނުން ކުރާ ހުރިހާ އެއްޗެއް ވެސް ގެތަކުން ފެނިފައިވާ ކަމށް ރައީސް ވިދާޅުވި
މިއަދު ވެސް އަޑުއިވެމުން ދަނީ ސިޔާއަތްތައް ބޮއިކޮޓް ކުރަން ގޮވަމުންދާތަން. ފަތުރުވެރިން ޒިޔާރަތް ކުރަން މިއީ ނުރައްކާތެރި ތަނެއް ކަމަށް ގޮވާއަޑު. މި އަޑު ފެށިގެން މިދަނީ ރައްޔިތުންގެ ފަރާތުން.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވާއިރު، މި ދުވަހަކީ ރައްޔިތުން ފަހުރުވެރިވާނެ ދުވަހެއް. މި ދުވަހުގެ އެންމެ ފާހަގަ ކުރެވޭ މުނާސަބަތަކަށް ވެގެން މިދަނީ މާތްﷲ މި ވެރިކަން ދެމެހެއްޓުމުން.
