ދިވެހި ދަޢުލަތާއި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާއި، ރައްޔިތުންގެ ދިފާޢުގައި ދިވެހި އަސްކަރިއްޔާއިން އަބަދުވެސް ދެމިތިބޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދިވެހި އަސްކަރިއްޔާއަށް ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ގައުމީ ސަލާމަތާއި ރައްކާތެރިކަމާއި ގައުމީ މަސްލަހަތާއި އަދި ގައުމަށް ފައިދާ ހުރި ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ޤައުމީ ސާލާމަތާއި ރައްކާތެރިކަމާއި ޤައުމީ މަސްލަހަތާޢި އަދި ޤައުމަށް ފައިދާ ހުރި ކަންކަމުގައި ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ކުރިމަގުގައިވެސް ލިބޭނެކަމަށް އުންމީދުކުރަމެެވެ. ދިވެހި ދަޢުލަތާއި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާއި ރައްޔިތުންގެ ދިފާޢުގައި ދިވެހި އަސްކަރިއްޔާއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަމެވެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލި މިއަދު ހަވީރު 5:00 ގަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ޔާމީން އިއުލާން ކުރެއްވީ ރާއްޖޭގެ ދެ ސަރަހައްދަކުން ހަތިޔާރާއި ގޮވާ ޒާތުގެ ތަކެތި ފެނިފައިވާތީ އާއި އޭގެ ތެރެއިން ބައެއް ތަކެތި އަދިވެސް މަދުކަމަށް ފާހަގަ ކުރެވިގެންނެވެ.