ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ އިތުބާރު ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފި އެވެ.

ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމަށް ކޮމެޓީން ނިންމީ އެ ކޮމެޓީގެ ސަބް ކޮމެޓީއަށް ޕީޖީ މުހުތާޒު ހާޒިރުކޮށް ސުވާލު ކުރެއްވުމަށް ފަހު އެވެ.

މިރޭ އޮތް ކޮމެޓީގެ ބައްދަލުވުމުގައި ސަބް ކޮމެޓީގެ މުގައްރިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ޕީޖީ މުހުތާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ސަބް ކޮމެޓީގެ ތިން ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އޭގެތެރެއިން އެއް ބައްދަލުވުމަށް ފުލުހުންގެ މުއައްސަސާގެ ބޭފުޅުން ހާޒިރުކޮށް ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރެވުނު ކަމަށް ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވީ ފުލުހުންނާ ސުވާލު ކުރުމުން އެނގިވަޑައިގެން ދިޔައީ ހާމަ ކުރަން މުހިއްމު ނޫން ކަންތައްތަކެއް ހިނގާފައިވާކަން ކަމަށެވެ.

"މާލޭގެ ދެ ގެއެއްގައި މަސްތުވާތަކެތީގެ ވަރަށް ބޮޑު ކަންތައްތަކެއް ހިނގަމުން ދަނިކޮށް ޕޮލިހުން ކޯޓު އަމުރަކާ އެކު އެ ދެ ގެއަށް ވަދެފައިވޭ. އަދި ތަކެއްޗާއި އެކު މީހުން ހައްޔަރުކޮށްފައިވޭ. އަދި ހައްޔަރުކޮށްގެން ގެންދިޔަ މީހުންގެ އަމިއްލަ އިއުތިރާފުން ވަނީ އިއުތިރާފު ވެސް ވެފައި އެކަމަށް. އެހެންވީމާ ދައުވާ ކުރާކަށް މީގައި ދެކޮޅު ހެދުމުގެ ޖާގައެއް ނެތް. އެހެންނަމަވެސް މި މައްސަލަ ވެސް މަސްލަހަތަށް ޓަކައި ޕީޖީން ވަނީ ދައުވާ ކުރަން ދެކޮޅު ހައްދަވާފައި. މިއީ މިފަހުގެ ތާރީހުގައި ހިނގާދިޔަ ކަމެއް. އެއީ 28 ސެޕްޓެމްބަރު 2015ގައި ހިނގާދިޔަ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެ މައްސަލާގެ އިތުރުން މިދިޔަ އަހަރު ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ މައްސަލައަކާ މި އަހަރު ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު ދެ މައްސަލައެއް ވެސް "މަސްލަހަތައްޓަކައި" ކަމަށް ޕީޖީން ދައުވާ ނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

މިރޭ އޮތް ކޮމެޓީގެ ބައްދަލުވުމުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވާހަކަދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން މިދިޔަ އަހަރު އެއީ 2014 ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު މަސްތުވާތަކެތީގެ ބޮޑު ގޭންގެއް ދިރިއުޅޭ ގެއަކަށް ފުލުހުން ވަނީ. އެތަނުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ވަނީ ފުލުހުން ހޯދާފައި. އެހެންނަމަވެސް އެ ފައިސާވެސް އެކަން ކުރި މީހުންނަށް އަނބުރާ ދިނުމަށް ޕީޖީން ވަނީ އަންގާފައި. އެހެންކަމުން ފުލުހުން ވަނީ އެ ފައިސާ އެމީހުންނަށް ދީފައި،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ޕީޖީގެ މައްޗަށް ތަފާތު ތުހުމަތުތައް އެކި ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި މީހުންނާ ޕީޖީ މުހުތާޒު ގާތްގުޅުމެއް އޮންނަ ބޭފުޅުންނާ ބައްދަލު ކުރައްވާ ކަމަށް ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕީޖީއާ ސުވާލުކުރެއްވުމުން "ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އެފަދަ ބޭފުޅުންނާ ބައްދަލުނުކުރަމޭ ވިދާޅެއް ނުވާނަމޭ" ޕީޖީ ވިދާޅުވި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުން ނިންމާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހުތާޒު ވިދާޅުވީ، އިތުބާރުނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުން ނެގިއަސް އިސްތިއުފާނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޕީޖީ ވަނީ އިންކާރުކުރައްވައިފަ އެވެ.