10 Nov 2015, 20:58
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ އިތުރުކުރަން ޖެހޭ ކަމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ތާރިގު މިހެން ވިދާޅުވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމުގައި (ޕްރީ ކޮޕް) އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސް (އެއޯސިސް)ގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ފަރާތުން ވާހަކަފުޅުދައްކަވަމުންނެވެ. ޕްރީ ކޮޕްގައި ދުނިޔޭގެ 69 ގައުމަކުން 72 އޮފިޝަލުން ބައިވެރިވެވަޑައިގެންނަވަ އެވެ.
އެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ލިބޭ ހިލޭ އެހީ އިތުރުކުރުމަކީ ކުދި ގައުމުތަކުގެ ދިރިއޮތުމަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. މީގެ އިތުރަށް ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދާ މިންވަރު 1.5 ޑިގްރީގައި ހިފަހެއްޓުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރުމަށް ވެސް މިނިސްޓަރު ޠާރިގު ވަނީ އެ ބައްދަލުވުމުގައި އިލްތިމާސްކުރައްވައިފަ އެވެ.

ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ ޕްރީ ކޮޕް ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެންވަޔަރަންމެންޓް މިނިސްޓްރީ
ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު، އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސް (އެއޯސިސް)ގެ ރިޔާސަތު މީހާރު ބަލަހައްޓަމުން ދަނީ ރާއްޖޭންކަން ފާހަގަކުރައްވައި އެ ގައުމުތަކުގެ ހައްގުގައި ރާއްޖޭން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ޕްރީ ކޮޕާއި ބެހޭ ގޮތުން އެންވަޔަރަންމެންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ. ތިން ދުވަހަށް ކުރިއަށްދާ ޕްރީ ކޮޕް ބައްދަލުވުން ފަށާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
"ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އަޑު އުފުލައި، މި ގައުމުތަކުގެ ކަންބޮޑުވުންތައް ހާމަކޮށް މޫސުމާއި ގުޅޭ މައްސަލަތަކަށް ހައްލެއް ހޯދުމަށް ރާއްޖޭން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ" އެންވަޔަރަންމެންޓް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މޫސުމަށްއަންނަ ބަދަލުތަކުގެ މުޢާހަދާގެ ބައިވެރިންގެ 21 ބައްދަލުވުން އޮންނާނީ މިމަހުގެ 30 އިން އަންނަ މަހުގެ 11 އަށް ފްރާންސްގެ ވެރިރަށް ޕެރިހުގަ އެވެ.