Last Updated:
1 decade 2 week ago

ޕީޖީގެ މަގާމުން މުހުތާޒު ވަކިކޮށްފި

    ބުލޮގު ޚުލާސާ

    ސަރުކާރު ހިންގާ ޕީޕީއެމުން ހުށަހަޅާފައިވާ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ އިތުބާރު ނެތް މައްސަލައިގައި ގޮތެއް ނިންމުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

    ޕީޖީ މުހުތާޒުގެ މައްޗަށް އިތުބާރުނެތް މައްސަލައިގައި ގޮތެއް ނިންމަން މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވާކަން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރަކު ވަނީ ސަންއަށް ކަށަވަރުކޮށްދެއްވައިފައެވެ.

    ޕީޖީ މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެހެންނަމަވެސް ޕީޖީ މުހުތާޒު ރޭ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

    ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުން ނިންމާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހުތާޒު ވިދާޅުވީ، އިތުބާރުނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުން ނެގިއަސް އިސްތިއުފާނުދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޕީޖީ ވަނީ އިންކާރުކުރައްވައިފައެވެ.

    00:54

    ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އެ މަގާމުން މިރޭ ވަކިކޮށްފި އެވެ.

    އޭނާ އެ މަގާމުން ވަކި ކުރީ މިރޭ ކުއްލި ގޮތަކަށް ބޭއްވި ރައްޔިރުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.

    މުހުތާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އެ މައްސަލަ މަޖިލީހަށް ވެއްދީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ.

    އެ ތިން މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު އޭނާގެ މަގާމާ އެކަށީގެން ނުވާ ފަދަ ކަމެއް ކުރި ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުގެ ދަށުން ލިބިފައިވާ މައުލޫމާތު ކަމާ ގުޅުން ނެތް ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ޖިނާއީ މައްސަލަތަކުގެ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާއި މެދު ވަކި ގޮތަކަށް އަމަލު ކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ ފަރާތްތަކާއި މަޝްވަރާކޮށް ވަކި މަންފާއެއް ހޯދައި ދިނުމަށް ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

    ރައްޔިތުން މަޖިލީހަށް މިއަދު ހުށަހެޅި އެ މައްސަލައާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އަދި އެ ބައްދަލުވުމުގައި އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސަބް ކޮމެޓީއެއް ނަގާ ސަބް ކޮމެޓީގެ މަސައްކަތް ފެށި އެވެ. އެގޮތުން މިއަދު ހަވީރު އޮތް ސަބް ކޮމެޓީއަކަށް ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު ހާޒިރު ކުރެއްވި އެވެ.

    ސަބް ކޮމެޓީއަށް ހާޒިރުކޮށް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރެއްވި އެވެ. އޭނާ ހާޒިރު ކުރި ކޮމެޓީ ކުރިއަށް ގެންދިޔައީ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

    ސަބް ކޮމެޓީގެ ބައްދަލުވުން ނިންމާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހުތާޒު ވިދާޅުވީ، ކޮމެޓީގައި ތިއްބެވި މެމްބަރުން އޭނާގެ މައްޗަށް "ބޮޑު ތިިން ތުހުމަތެއް" ކުރެއްވިކަމަށެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް ކޮމެޓީގެ މެމްބަރުން އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ޕީޖީ ވިދާޅުވި އެވެ.

    މުހުތާޒު ވިދާޅުވީ އެ ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަތުމުން އިތުރު އެއްވެސް ސުވާލެއް ކޮމެޓީގެ މެމްބަރުން އެމަނިކުފާނާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި އަޅުވާފައި ތުހުމަތުތަކުން ބަރީއަވުމަށްޓަކައި ފުރުސަތު ލިބެންޖެހޭނެ ކަމަށް މުހުތާޒު ވިދާޅުވި އެވެ.

    އެމަނިކުފާނު ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށެވެ.

    މުހުތާޒު މިރޭ ވަނީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އޭނާއަށް ފުރުސަތު ދެއްވުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީއެއް ހުށަހަޅާފަ އެވެ. އެހެންނަމަވެސް ރަސްމީ ގަޑި ނޫންކަމުން އެ ސިޓީ މަޖިލީހުގެ އިދާރާއިން ބަލައެއް ނުގަތެވެ.

    00:06

    މަޖިލިސް ނިންމާލައިފި

    23:40

    ޕީޖީ މުހުތާޒު މަގާމުން ވަކިވެއްޖެ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާން ކުރައްވައިފި.

    އަބްދުއްރަހީމް އަބްދުﷲ، ފޮނަދޫ ދާއިރާގެ މެމްބަރު

    ޕީޖީ މުހުތާޒަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ދޮގު ކުރައްވައިފި. ކޮމެޓީއަށް މުހުތާޒު ހާޒިރު ކުރުމަށްފަހު އެމަނިކުފާނާ ކުރަން ބޭނުންވި ހުރިހާ ސުވާލެއްކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި. އަދި ވިދާޅުވީ ކޮމެޓީ ހުއްޓާލީ، ބައްދަލުވުން ސިއްރުކޮށްފައި ވަނިކޮށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވީޑީއޯ ކުރައްވަން ފެއްޓެވުމުން ކަމަށް.

    މިނިވަން މުއައްސަސާތަކުގެ ސަބް ކޮމެޓީ ސިއްރު ކުރަން ނިންމީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންގެ އަގުލަބިއްޔަތުން ކަމަށް.

    އަޅުގަނޑުމެން ކުރަން މިއުޅެނީ ގާނޫނާ ހިލާފު ކަމެއް ނޫން. މިއީ ގާނޫނު އަސާސީން އަޅުގަނޑުމެންނަށް ލާޒިމްކޮށްފައިވާ ކަމެއް ކުރަން މިއުޅެނީ

    23:30

    މަޖިލީހުން އަމަލު ކުރަމުންދާ ގޮތާމެދު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފި.

    23:25

    ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ޕީޖީ މަގާމުން ވަކިކުރުމަށް މިއަދު މެންދުރު މަޖިލީހަށް މައްސަލަ ހުށަހަޅައި މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން، ޕީޖީ މަގާމުން ވަކިކުރަން އުޅޭތީ "ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގައަި" މައްސަލައެއް އުޅޭ ކަމަށް. މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިފައި އޮތުމުން، އެކަމުގެ ބޭނުން މަޖިލީހުން ކުރަނީ ރަނގަޅަށް ނޫން ކަމަށް އަލީ ނިޒާރު ވިދާޅުވި. އަދި ވިދާޅުވީ ސަރުކާރުން ރައްޔިތުންނާމެދު އިހްލާސްތެރިކަމެއް ނެތް ކަމަށް.

    23:20

    ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ސިޔާސީ ގޮތުން މަޖިލީހުން ނިންމުންތައް ނިންމަމުންދާ ކަމަށް. އޮފީސް ބަންދުވި ފަހުން ޕީޖީއަށް ނޯޓިސް ފޮނުވާފައިވާ ކަމަށާއި އެމަނިކުފާނު ޖަވާބުދާރީވުމަށް ފޮނުވި ސިޓީ މަޖިލީހަކުން ބަލައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި.

    23:17

    ފޭދޫ ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގައުމު ހަލާކު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ ކަމަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ގޮތެއް ނެތިގެން ކަމަށް.

    މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

    މަޖިލީހުން ކަންތައް ކުރަނީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ. ވާހަކަފުޅު ދެއްކެވުމަށްފަހު އާޒިމް މަޖިލިހުން ނުކުމެވަޑައިގެންފި

    ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކޭ ބުނަން ލަދުގަންނަ ހިސާބަށް މި މަޖިލީހުގެ ކަންތައްތައް ހިނގައްޖެ. މަޖިލީހުގެ ޖަލްސާއެއް މިރޭ 11:00 ގައި ބާއްވާކަން އަންގާފައި ވަނީ މިރޭ 10:40 ގައި ކަމަށް. މިއީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް.

    23:05

    ޕީޖީ މަގާމުން ވަކިކުރުމަށް އިންތިހާއަށް ތާއިދު ކުރައްވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ

    23:02

    ޕީޖީ މުހުތާޒު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި. މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކޮމެޓީގެ މުގައްރިރު ފުނަދޫ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް.

    00:00

    ޕީޖީގެ މަގާމުގައި މުހުތާޒު ހުންނެވުމަށް ކުފޫ ހަމަނުވާ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދ އާމިރު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ އެ މަގާމުގައި ހުންނަ ބޭފުޅަކު ކުރުން އެކަށީގެން ނުވާ ކަންތައް މުހުތާޒު ކުރައްވާފައިވާ ކަމަށް.