10 Nov 2015, 19:33
އިތުބާރުނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުން ނެގިއަސް އިސްތިއުފާނުދެއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުން ނިންމާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުހުތާޒު ވިދާޅުވީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުން އިތުރަށް ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮމެޓީ ހުއްޓާލި ސަބަބެއް އޭނާ ވިދާޅެއްނުވިއެވެ.
މުހުތާޒު ވިދާޅުވީ ކޮމެޓީގައި ތިއްބެވި މެމްބަރުން އޭނާގެ މައްޗަށް "ބޮޑު ތިިން ތުހުމަތެއް" ކުރެއްވިކަމަށެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް ކޮމެޓީގެ މެމްބަރުން އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ޕީޖީ ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވީ އެ ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަތުމުން އިތުރު އެއްވެސް ސުވާލެއް ކޮމެޓީގެ މެމްބަރުން އެމަނިކުފާނާ ކުރައްވާފައި ނުވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އާއްމު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި އަޅުގަނޑަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވަން ޖެހޭނެ. އަޅުގަނޑު ގައުމީ ސަލާމަތަށް ނުކުރައްކާވާ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. އަޅުގަނޑުމެން މި ދައްކަނީ ސިސްޓަމްގެ ތެރޭގައި ހުރި ކަންތައްތަކެއްގެ ވާހަކަ،" މުހުތާޒު ވިދާޅުވި އެވެ.
މުހުތާޒަށް ކުރައްވާފައިވާ ތުހުމަތުތަކުގެ ތެރޭގައި ފުލުހުންނާ އެކު ދެކެވުނު ވާހަކަތަކެއް ހިމެނެ އެވެ. އެގޮތުން މުހުތާޒު ވިދާޅުވީ މ. ހަނީޑިއު ކިޔާ ގެއެެއްގެ އިތުރުން މާލޭގެ އިތުރު ގެއެއްގައި ހިނގި މައްސަލަތައް ޕުރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލި މައްސަލައާ ގުޅޭ ގޮތުން ކޮމެޓީގެ މެމްބަރުން އެމަނިކުފާނާ ސުވާލު ކުރެއްވި ކަމަށެވެ.
އެކަމާ ގުޅޭގޮތުން މުހުތާޒު ވިދާޅުވީ ޕީޖީ އޮފީހަކީ ވަކި އުސޫލެއްގެ ދަށުން ހިނގާ ތަނެއް ކަމަށާއި އެ އޮފީހުން އަނބުރާ ފޮނުވާލާ މައްސަލަތަކުގެ ޑޮކިއުމަންޓުތައް ފައިލް ކުރެވިފައި ހުންނާނެ ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުން ނިންމާލެއްވުމަށްފަހު ޕީޖީ މުހުތާޒު ނޫސްވެރިންނާ ވާހަކަދައްކަވަނީ: ޕީޖީ ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓު ނެންގެވިއަސް މަގާމުން އިސްތއިުފާ ނުދެއްވާނެ ކަމަށް: ސަން ފޮޓޯ/ އަލީ ނަސީރު
"އެއީ އަޅުގަނޑު ނިންމާ ނިންމުމެއް ނޫން. އެއީ އެބޭފުޅުން [މެމްބަރުން] ހުއްޖަތަކަށް ދެއްކެވި ކަމަކީ. ދެން ފުލުހުންނާއެކު ދެކެވުނު ވާހަކައަކާ ގުޅޭ އެއްވެސް ސުވާލެއް އަޅުގަނޑާ ކުރެވިފައެއް ނެތް. އަޅުގަނޑު ވަރަށް ތަފްސީލުކޮށް އެބޭފުޅުންނަށް ޖަވާބު ދިނިން އަޅުގަނޑާ މެދު ކުރައްވާ ތުހުމަތުތަކަށް. އެހެންނަމަވެސް އެބޭފުޅުން އަޅުގަނޑު ގާތު ނާއްސަވާ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރީ ކޮން އިރަކުތޯ ކޮން އުސޫލަކުންތޯ އެބޭފުޅުންނަކަށް އަޅުގަނޑު ގާތުން ދަންނަވާކަށް ނޭނގުނު،" މުހުތާޒު ވިދާޅުވި އެވެ.
ޕީޖީ މުހުތާޒު ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކަމަށެވެ. އެހެންކަމުން އެ ތުހުމަތުތަކުން ބަރީއަވުމަށްޓަކައި ފުރުސަތު ލިބެންޖެހޭނެ ކަމަށް މުހުތާޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށެވެ.
"އެ ތުހުމަތުތަކުން ބަރީއަ ވުމަށްޓަކައި އެޓުލީސްޓު އަޅުގަނޑުގެ މަގާމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިއަސް މައްސަލައެއް ނެތް. އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން. އަޅުގަނޑު މިދަންނަވާ ވާހަކައަކީ އެ ތުހުމަތުތައް އާއްމުކޮށްފައިވާއިރު އެކަންކަމުން ބަރީއަވުމަށްޓަކައި އަޅުގަނޑަށް ފުރުސަތު ދެއްވަން ޖެހޭނެ،" މުހުތާޒު ވިދާޅުވި އެވެ.
މުހުތާޒުގެ މައްޗަށް ދެން ކުރައްވާ އަނެއް ތުހުމަތަކީ ހައްޔަރުކޮށްފައި ތިބި މީހުންގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރެއްވި ކަމުގެ ތުހުމަތެވެ.
އެކަމާ ގުޅޭގޮތުން ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި މުހުތާޒު ވިދާޅުވީ ފުލުހުންގެ ބަންދުގައިވެސް އަދި އެހެން ގޮތަކުން ބަންދުގައި ހުރި އެއްވެސް މީހެއްގެ ގާނޫނީ ވަކީލަކާ އެމަނިކުފާނު ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އިއްޒަތްތެރި މެމްބަރު ކެންދޫ ދާއިރާގެ އަލީ ހުސައިންހެން އެއީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ހުސައިނަކީ އެއްވެސް ފަރާތެއްގެ ވަކީލެއް ނޫން. އެހެން ނޫނަސްް އަލީ ހުސައިނަކީ އަޅުގަނޑުގެ ކުލާސް މޭޓެއް ގާތް ރަށްޓެއްސެއް. އަނެއްކާ އެ ދުވަހު ބައްދަލު ކުރީ އަލީ ހުސައިނާ އެކަންޏެއް ނޫން. ހާމަކަން ބޮޑު ގޮތެއްގައި މަޖިލިސް ކުރިމަތީ މިހުރި ކިންގުސް ކޯނާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާވެސް އެކުގައި އަޅުގަނޑުމެން ސައެއް ބޯން އައީ މިތަނަން." މުހުތާޒު ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވީ އެއީ އެމަނިކުފާނުގެ ނަޒާހާތްތެރިކަން ގެއްލޭ ކަމެއް ކަމަށްވާ ނަމަ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެމަނިކުފާނުގެ މައްޗަށް ކުރާ އެއްވެސް ތުހުމަތެއްގެ ތަފްސީލެއް މަޖިލީހުންދީފައިނުވާ ކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.
ޕީޖީ މުހުތާޒުގެ މައްޗަށް ތިން ތުހުމަތެއް ކުރައްވާއިރު ތިންވަނަ ތުހުމަތެއްގެ ގޮތުގައި އޭނާއަށް ކުރައްވާ ތުހުމަތަކީ ޝޯޝަލް މީޑިއާގައި ޕީޖީ އޮފީހުގެ މުވައްޒަފުން ދައްކަވާ ވާހަކަތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ މައްސަލަ އެވެ.