10 Nov 2015, 19:10
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު މާލިއްޔަތު ގާނޫނުގައިވާގޮތަށް ހުށަނާޅާ ކަމަށް ބުނެ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ބަޖެޓް ތަންފީޒު ކުރަމުން ދާއިރު އަހަރުގެ މެދުތެރެއިން މިޑްޓާމް ރިވިއު މަޖިލީހަށް ހުށައަޅަން ޖެހޭ ކަމަށް ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ބަޔާންކޮށްފައި ވާކަމަށާއި އެހެންނަމަވެސް ރިވިއުވެސް ހުށަހަޅާފައިނުވާ ކަމަށެވެ.
ބަޖެޓް ގެ ކަންތައްތަކަކީ ރައްޔިތުން ވަރަށް ކަނުލައި އަޑުއަހައި އެއަށް ވަމުންދާ ގޮތް ބަލަމުން އަންނަ ކަމެއްކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ، މީގެ ކުރިން ދައުލަތުގެ ޚަރަދާ ބެހޭގޮތުން ކޮންމެ މަހަކު ފިނޭންސް މިނިސްޓްރީ އިން އާއްމުކުރަމުން ގެންދިޔަ ރިޕޯޓު މިހާރު އާއްމު ނުކުރާކަމަށެވެ. އެކަމުގެ ސަބަބުން ބަޖެޓަށް ވާނުވާ ނޭނގޭއިރު ރައްޔިތުންނަށްވެސް އެ މައުލޫމާތު ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދައުލަތުގެ ޚަރަދާ ބެހޭގޮތުން ކުރިން ކޮންމެ މަހަކު ފިނޭންސް މިނިސްޓްރީން އާއްމުކުރަމުން ގެންދިޔަ ރިޕޯޓުވެސް މިހާރު އާއްމު ކުރަމުން ނުދޭ. އެހެންވީމާ ބަޖެޓަށް ކުރިންވެސް މި ދެންނެވިހެން ވާނުވާގޮަތް އަޅުގަނޑުމްނަށް ނޭނގޭ،" އިބޫ ވިދާޅުވިއެެވެ.
އޭނާ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ބަޖެޓު ހުށަހެޅުމުން ޖެހިގެން އަންނަ ދުވަހު ބަހުސް ނިންމައި ކޮމެޓީ ދިރާސާކޮށް އެކަމުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށެވެ.
އެހެންކަމުން މުޅި ބަޖެޓަށް މަޖިލީހުގައި މަސައްކަތް ކުރަން ލިބެނީ ޖުމްލަ ހަތް ދުވަސް ކަމަށާއި، މަޖިލީހުގެ މަސައްކަތް މިހާރު ހިނގަމުންދާ ގޮތާ މެދު ކަންބޮޑުވާކަމަށްވެސް އޭނާ ވިދާޅުވިއެެވެ.