ލާމަރުކަޒީ ޤާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ގައުމީ އިދާރާތަކުން ދޭ ހިދދުމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި، ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އުފައްދަވާފައިވާ ގައުމީ އިދާރާތަކާއި، ގައުމީ އިދާރާތަކުގެ ޔުނިޓްތަކަށް ސަރުކާރުން މަސައްކަތްތައް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ދެންނެވުމެއްގައިވާ ގޮތުން، ގައުމީ އިދާރާތަކުގެ މައިގަނޑު މަސައްކަތްތައް ބެހިގެންވަނީ ހަ ބަޔަކަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް، ގައުމީ އިދާރާ ނިސްބަތްވާ ސަރަޙައްދުގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް ސަރުކާރުގެ މިނިސްޓްރީތަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް، އެ މިނިސްޓްރީތަކުން ކަނޑައަޅާގޮތެއްގެ މަތިން ފޯރުކޮށްދިނުމާއި އެ ސަރަޙައްދުގައި ހިމެނޭ ރަށްރަށަށް، ސަރުކާރުގެ އޮފީސްތަކުން ލާމަރުކަޒީ އުސޫލުން ދޭން ބޭނުންވާ ހިދްމަތްތައް، އެ އޮފީސްތަކުން ކަނޑައަޅާގޮތެއްގެ މަތިން ދިނުމަކީ ވެސް ގައުމީ އިދާރާގެ މަސައްކަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި ސަރުކާރުގެ މިނިސްޓްރީތަކުން އިދާރީ ދާއިރާތަކުގައި ހިންގާ މަޝްރޫއުތަކާއި، މަސައްކަތްތައް ހިންގުމުގައި، ގައުމީ އިދާރާގެ ފަރާތުން މިނިސްޓްރީތަކަށް ބޭނުންވާ އެހީތެރިކަން ދިނުމަކީ ގައުމީ އިދާރާތަކުން ކުރަން ޖެހޭ ތިން ވަނަ މަސައްކަތް ކަމަށް ވެސް އެ ދެންނެވުމުގައި ވެއެވެ.

ގައުމީ ހަތަރު ވަނަ މަސައްކަތެއްގެ ގޮތުގައި އެ ދެންނެވުމުގައި ބުނެފައިވަނީ، ގައުމީ އިދާރާ ނިސްބަތްވާ ސަރަޙައްދުގައި ހިމެނޭ ރަށްރަށުގައި ސަރުކާރުން ހިންގަން ބޭނުންވާ، ސަރުކާރުގެ ވަކި އޮފީހަކާ ހަވާލުކޮށްފައިނުވާ ކަންތައްތައް ހިންގާ ބެލެހެއްޓުމެވެ.

މީގެ އިތުރުން ސަރުކާރުން އިދާރީ ދާއިރާތަކުގައި ފޯރުކޮށްދޭ ހިދްމަތްތަކާއި، ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން ގައުމީ އިދާރާ ހިމެނޭ ސަރަޙައްދުގެ ރައްޔިތުންނާއި، އަމިއްލަ ޖަމްއިއްޔާ، ޖަމާއަތް ފަދަ ފަރާތްތަކުން ހުށަހަޅާ ކަންތައްތައް، ކަމާބެހޭ މިނިސްޓްރީތަކަށް ހުށަހެޅުމުގެ މަސައްކަތްވެސް ވަނީ ގައުމީ އިދާރާއާ ހަވާލުކޮށްފަ އެވެ.

އަދި އެ އިދާރާ ނިސްބަތްވާ ސަރަޙައްދުގެ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ސަރުކާރުގެ މިނިސްޓްރީތަކާއެކު ކުރަންޖެހޭ މުއާމަލާތްތަކުގައި މިނިސްޓްރީތައް ތަމްސީލުކުރުމާއި، އެ މުއާމަލާތްތަކާ ގުޅޭގޮތުން، މިނިސްޓްރީތަކުން ކުރަންޖެހޭ ކަންތައްތައް މިނިސްޓްރީތަކުން ކަނޑައަޅާގޮތެއްގެ މަތިން ކުރުމަކީވެސް މިހާރު ގައުމީ އިދާރާތަކުގެ ޒިންމާ އެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ދެންނެވުމުގައިވާ ގޮތުން ރައީސް ނަޝީދު އުފައްދަވައިފައިވާ ގައުމީ އިދާރާގެ ޔުނިޓްތަކުގެ މަސައްކަތްތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ އިދާރީ ދާއިރާގައި ސަރުކާރުގެ މިނިސްޓްރީތަކުން ކުރަންޖެހޭ ކަންތައްތައް، ގައުމީ އިދާރާގެ ޔުނިޓް ނިސްބަތްވާ ސަރަޙައްދުގެ ގައުމީ އިދާރާއިން އަންގާގޮތެއްގެ މަތިން ކުރިއަށްގެންދިޔުމާއި އެ ޔުނިޓް ނިސްބަތްވާ ރަށްރަށުގެ ރައްޔިތުންނާއި، އަމިއްލަ ޖަމްއިއްޔާ، ޖަމާއަތްފަދަ ފަރާތްތަކުން ހުށަހަޅާ ކަންތައްތައް، ގައުމީ އިދާރާއަށް ހުށަހެޅުމެވެ.