10 Nov 2015, 23:00
ތުއްތުކުދިންނަށް ހެޔޮ އަގުތަކުގައި ކިޔަވައިދިނުމަށް އައިލެންޑާސް އެޑިއުކޭޝަނާއި ކެންގަރޫ ކިޑްސް އެޑިއުކޭޝަން ލިމިޓެޑް އާ ދެމެދު މާސްޓާ ފްރެންޗައިސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ޗެއާމަން އަބްދުލް ރަޝީދެވެ. އަދި ކެންގަރޫ ކިޑްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ކުންފުނީގެ ފައުންޑަރު ލީނާ އަޝަރެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ ސޮއި ކުރި އެއްބަސްވުމާ ގުޅިގެން "ސަބް ފްރެންޗައިޒް" ސްކޫލުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވާނެ ކަމަށެވެ.
ރަނގަޅު އަގުތަކެއްގައި ކޮލިޓީ ތައުލީމު ފޯރު ކޮށްދިނުމަށް މިއަދު އެއްބަސްވެފައިވާއިރު އެންމެ ފުރަތަމަ ސްކޫލު ހުޅުވާނީ ޏ. ފުވައްމުލަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ކެންގަރޫ ކިޑްސް އާ ގުޅިގެން އަޅުގަނޑުމެން ސަބް ފްރެންޗައިޒް ސްކޫލުތަކެއް ހުޅުވުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސްކޫލު ހުޅުވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގައި. ފުވައްމުލަކުގައި އަންނަ އަހަރު ސްކޫލު ހުޅުވާނެ،" އޭނާ ވިދާޅުވިއެވެ.
ޕްރީސްކޫލުގެ ދަރިވަރުންނަށް ކިޔެވުމަށް ހުޅުވާ ސްކޫލުތަކުގައި ކެންގަރޫ ކިޑްސްގެ ސްކޫލުތަކުގައި މިހާރު ކިޔަވައިދޭ އަގަށްވުރެ ބޮޑުތަނެއް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ކެންގަރޫ ކިޑްސްގެ ޕްރީސްކޫލުން ފީއެއްގެ ގޮތުގައި 2،800 ރުފިޔާ މަހެއްގެ މައްޗަށް ނަގައެވެ. ނަމަވެސް މިއަދު ސޮއި ކުރި އެއްބަސްވުމާ ގުޅިގެން ޕްލޭސްކޫލުގެ ފީތަށް 1،800 ރުފިޔާއަށް ކުޑަވެގެން ދާނެއެވެ.
ނާސަރީ ލެވެލްގެ ދަރިވަރުންގެ ފީ 2،350 ރުފިޔާއަށް ކުޑަވެގެން ދާނެ ކަމަށް ކެންގަރޫ ކިޑްސް އިން ވަނީ ބުނެފައެވެ. އޭގެ އިތުރުން ޖޭކޭޖީ އާއި އެސްކޭޖީގެ ދަރިވަރުންނަށް 100 ރުފިޔާ ފީއިން ކުޑަވެގެން ދާނެ އެވެ.
ފުވައްމުލަކުގެ އިތުރުން އައްޑޫގައި ވެސް ސަބް ފްރެންޗައިޒް ސްކޫލު ހުޅުވުމަށް ވިސްނާ ކަމަށް ވަނީ ބުނެފައެވެ.