އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެގައުމުން ކުރާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށް އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މާދަމާ ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް ފޮނުއްވި މެސެޖެއްގައި މުކަރުޖީ ވިދާޅުވެފައި ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"...ދެގައުމަށް ފައިދާ ކުރުވަނިވި، އެއްގައުމުން އަނެއް ގައުމަށް އިހުތިރާމްކުރާ ގޮތެއްގައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މީހުން، ހާއްސަކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،" ރައީސް ޔާމީނަށް މުކަރުޖީ ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވާ ކަމަށް ބިޒްނަސް ސްޓޭންޑާޑް ނޫހުން ބުންޏެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުމަކީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް ދެގައުމުން ގެންގުޅޭ އުއްމީދަށް އަމާޒުކޮށްފައިވާ ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.