10 Nov 2015, 19:11
އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީގެ ކޯޗަކަށް އާސެނަލް އާއި ފްރާންސްގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޕެޓްރިކް ވިއެރާ ހަމަޖައްސައިފި އެވެ.
މެންޗެސްޓަރ ސިޓީގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކުރަމުން އައި ވިއޭރާ، ނިއުޔޯކް ސިޓީ އެފްސީގެ ކޯޗަކަމާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނިއުޔޯކް ސިޓީ އެފްސީއަކީ ސިޓީގެ އޯނަރު ޝައިހް މަންސޫރުގެ ހިއްސާ އޮންނަ ކްލަބެކެވެ.
ނިއު ޔޯކް ޓީމުގައި އިންގްލެންޑުގެ ފްރޭންކް ލަމްޕާޑް އާއި އިޓަލީގެ އަންދްރޭ ޕިރްލޯގެ އިތުރުން ސްޕެއިނުގެ ޑޭވިޑް ވިޔާ ހިމެނެ އެވެ. ޕްލޭއޮފުން ކެޓުމާ ގުޅިގެން މި ސީޒަން މިހާރު ނިއުޔޯކް ސިޓީ އެފްސީއަށް ވަނީ ނިމިފައެވެ.
ފްރާންސްގެ ކޭންސް އިން 1994 ވަނަ އަހަރު ކެރިއަރު ފެށި ވިއެރާ ވަނީ އޭސީ މިލާނާއި އާސެނަލް އާއި ޔުވެންޓަސް އާއި އިންޓަ އަދި މެންޗެސްޓާ ސިޓީ އަށް ކުޅެފަ އެވެ. އޭނާ އާސެނަލްއާ އެކު ޕްރިމިއާ ލީގު ތިން ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް ހަތަރު ފަހަރު ކާމިޔާބުކުރި އެވެ.