10 Nov 2015, 18:00
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގައި މަރުގެ އަދަބު ދިނުމަށް ހުކުމްކުރާ މީހުން ބައިތިއްބުމަށް ގާއިމްކުރާ ޖަލެއް ބެލެހެއްޓުމަށް ކިނބޫ ބައިތިއްބަން އިންޑޮނޭޝިއާގެ އެންޓި ޑްރަގް އެޖެންސީން ނިންމައިފިއެވެ.
އިންޑޮނޭޝިއާގެ ނޫހެއް ކަމަށްވާ ޓެމްޕޯއާ ހަވާލާދީ އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް ނޫހުން ބުނީ ޖަލު ބެލެހެއްޓުމަށް ޓަކައި އެންމެ ނުރައްކާތެރި ކިނބޫތައް ހޯއްދެވުމަށް އިންޑޮނޭޝިއާގެ އެންޓި ޑްރަގް އެޖެންސީގެ ވެރިޔާ ބޫޑީ ވާސެސޯ އެގައުމުގެ އެކި ސަރަހައްދު ތަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ.
"... އަހަރެމެންނަށް ބޭތިއްބޭހާ ގިނަ ކިނބުލެއް އަހަރެމެން އެތާ ބައިތިއްބާނަން. އެންމެ ނުރައްކާތެރި ވައްތަރުތަކުގެ ކިނބޫތައް އަހަރެމެން ހޯދާނަން،" ޓެމްޕޯއަށް ދެއްވި އިންޓަވިއުގައި ވާސެސޯ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ ކިނބުލުގެ ނުރައްކާތެރި ވައްތަރުތައް ހޯއްދެވުމަށް ޕަޕުއާނިއުގިނީއާއި ސްލަވޭސީއަށް ވެސް އޭނާ ޒިޔާރަތްކުރައްވާނެ ކަމަށެވެ.
ޖަލު ބަހަލައްޓަން ކިނބޫ ބައިތިއްބަނީ ކީއްވެތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވާސެސޯ ވިދާޅުވެފައި ވަނީ އެއީ " ކިނބުލަށް ރިޝްވަތު ނުދެވޭނެތީ" ކަމަށެވެ.
އިންޑޮނޭޝިއާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް އެންމެ ހަރުކަށި ގާނޫނުތައް ތަންފީޒުކުރާ އެއް ގައުމެވެ.