10 Nov 2015, 16:59
މި މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައި ނެރުނު ގަރާރުގައި ވަނީ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރަން ބަޔަކު މަސައްކަތްކުރާ ކަމުގެ ކަށަވަރު މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކަމަކީ ރައްޔިތުންގެ ފުރާނައާއި ރައްކާތެރިކަމަށް އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވިކަން މިއަދު އިއުލާން ކުރެއްވީ ބަންޑާރަ ނައިބު މުހައްމަދު އަނިލްއެވެ،
ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވީ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަހުގީގަށް މުހިންމު ކުރިއެރުންތަކެއް ލިބެމުންދާތީ އާއި ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅުނު ބަޔަކު ހައްޔަރުކުރެވިފައިވާތީ އާއި ބޭރުގެ ފަރާތްތަކުން އެކަމަށް އެދެމުންދާތީ އާއި އަދި އެނޫންވެސް ސަބަބުތަކަށްޓަކައި ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ރައީސް ޔާމީން ނިންމަވާފައި މިވަނީ އިސްވެ ދެންނެވުނު މައްސަލައާ ގުޅިގެން ސަލާމަތީ ބާރުތަކުން ކުރަމުންގެންދާ މަސައްކަތަށް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި. ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރުމަށް މަސައްކަތް ކުރަމުން ދިޔަ މީހުން ހަޔަރުކޮށްފައިވާ ކަމަށާއި. ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި. އަދި ގައުމީ ސަލާމަތައް ފިޔަވަޅުތަކެއް އެޅިފައިވާ ކަަމަށް ސަލާމަތީ ބާރުތަކުން މިއަދު ވަނީ ރައީސް ޔާމީނަށް ދަންނަވާފައި،" އަނިލް ވިދާޅުވި އެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ރައީސް ޔާމީން ނިންމަވާފައި ވަނީ މިއަދުގެ 5:00 ފެށިގެން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަކީ ވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހުނު ސަަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
"ކުއްލިނުރައްކަލުގެ މިވޭތުވެދިޔަ ނާޒުކު ހާލަތުގައި ދިވެހި ދައުލަތަށާއި، ސަރުކާރާށާއި، ސަލާމަތީ ބާރުތަކަށް ދިވެހި ލޮބުވެތި ރައްޔިތުންދެއްވި އެއްބާރުލުމަށް އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ނިހާޔަތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ،" އަނިލް ވިދާޅުވި އެވެ.