10 Nov 2015, 16:43
މުލީއާގެ ކައިރިން މިމަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިއީޑީއެއް ފެނުނު މައްސަލައިގެ ތަހުގީގަށް ބަޔަކު ހައްޔަރުކޮށްފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ތ. ތިމަރަފުށީ، ވިލާ، ޒިހާން އަހްމަދު ހިމެނެއެވެ.
ފުލުހުން ވަނީ މ. އިރު ގޭގައި އޭނާ ދިރިއުޅޭ ތަންތަންތަން ބަލައިފާސްކޮށްފައެވެ.
އޭނާ ދިރިއުޅޭގެ ބަލައިފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އައިއީޑީ ހަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާންމުކޮށް ދަތުރުފުޅުކުރައްވާ ނޫރާނީ ގޯޅީގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ނަވާޒު ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކުރި މީހުންގެ އަދަދު އަދި ދެންނެވެން ނެތް ކަމަށެވެ.
"އަދި މިހާރު އެފަރާތްތަކާ ސުވާލުކުރެވި ތަހުގީގުތައް ދަނީ ކުރިއަށް. އަދި އެފަރާތްތަކާ ކުރެވުނު ތަހުގީގުގެ ތެރެއިން ވެސް މިވަނީ މުހިންމު ކުރިއެރުންތަކެއް މައްސަލައަށް ލިބިގެން ގޮސްފައި،" ނަވާޒު ވިދާޅުވިއެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.