ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮންވާލި މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަސީލް އަހްމަދު ހޯދަން އިންޓަޕޯލުން ރެޑްނޯޓިސް ނެރެފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަވާޒު ވިދާޅުވީ އަސީލް ހޯދަން ރެޑްނޯޓިސް ނެރެފައިވާއިރު، އެ މައްސަލާގައި އިތުރު ބަޔަކު ހޯދުމަށް ވެސް ރެޑްނޯޓިސް ނެރުމަށްޓަކައި އިންޓަޕޯލަށް ފޮނުވާފައިވާކަމަށެވެ.

އެމީހުންނަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި ހއ. މުރައިދޫ ވައިޖެހޭގޭ މުހައްމަދު ވިޝާމް ކަމަށް ނަވާޒު ވިދާޅުވި އެވެ.

އަސީލް ހޯދަން ރެޑްނޯޓިސް ނެރެފިކަމަށް ނަވާޒު ވިދާޅުވިނަމަވެސް އިންޓަޕޯލްގެ ވެބްސައިޓުގައި އޭނާ ހޯދަން ރެޑްނޯޓިސް ނެރުނުކަން އެނގޭކަށް ނެތެވެ.

ނަވާޒު ވިދާޅުވީ، ފުލުހުން ހޯދަން މަސައްކަތްކުރަމުންދާ އެންމެ ވީހާވެސް އަވަހަކަށް ރާއްޖެ އައިސް ފުލުހުންނާއި ހަވާލުވެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުންނާއި ސިފައިން އެދޭ ކަމަށެވެ.