03 Apr 2011, 20:18
ސާކްގެ މިދައުރުގެ ޗެއާމަންގެ ހައިސިއްޔަތުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭ، މިއަދު ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނަށް މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން އަލްވަދާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދެވެ.
ބޮޑުވަޒީރު ޖިގްމީ ތިންލޭ، ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާ ދެބޭފުޅުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ބޫޓާނުގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އެ ދަތުރުފުޅުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އިތުރު މަގުތަކެއް ތަނަވަސްވެގެން ހިނގައްޖެ ކަމުގައި ވިދާޅުވި އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކް ސަމިޓްގެ މިހާރުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅާގެ ހައިސިއްޔަތުން ބޫޓާނުގެ ބޮޑުވަޒީރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވައި، ދިވެހި ސަރުކާރާއެކު މަޝްވަރާތައް ބޭއްވެވިކަމީ، ކުރިއަށް އޮތް 17 ވަނަ ސާކް ސަމިޓް ރާއްޖޭގައި ބޭއްވޭއިރު، އެ ސަމިޓްގެ ކަންކަން ފުރިހަމަގޮތުގައި ހިންގެވުމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ވިދާޅުވި އެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނާއި، ސަރުކާރާއި، އެމަނިކުފާނު ފަރާތްޕުޅުން، ބޫޓާނުގެ ރަސްގެފާނަށާއި، އެ ގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވި އެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންނެވުމުގެ ކުރިން، ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި، ބޫޓާނުގެ ބޮޑުވަޒީރު ވަނީ، ވޭތުވެ ދިޔަ ދެ އަހަރުގެ ކުރު މުއްދަތުގެ ތެރޭގައި، ރައީސް ނަޝީދާއި، އެމަނިކުފާނުގެ ސަރުކާރުން، ރާއްޖެއަށް ހޯއްދަވައިދެއްވާފައިވާ ކުރިއެރުން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފަ އެވެ.
ބޫޓާނުގެ ބޮޑުވަޒީރު، ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ދެ ސަރުކާރުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސަރުކާރުގެ ވަޒީރުންނާ ބައްދަލުކުރެއްވި އެވެ.