އެފްރިކާގެ އިރުދެކުނުގައި އޮންނަ ޖަބޫޓީ ނަމަކަށް ކިޔާ ގައުމެއްގައި އޮންނަ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ ކުޑަކުދިންނާއި އާއިލާތަކާ ބައްދަލުކޮށް އެމީހުން ދިރިއުޅޭ ދަތި ހާލު ފެނިފައި ހިތް ހަލާކުވި ކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ބުނެފި އެވެ.

ދުނިޔޭގެ ކުޑަކުދިންނަށް އެހީވުމަށް ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުން ބެކަމް ވަނީ ޖަބޫޓީ ގައި އޮންނަ އަލީ އަޑާ ނަމަކަށް ކިޔާ ރެފިއުޖީ ކޭމްޕަކަށް ޒިޔާރަތްކޮށް އެ ކޭމްޕުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނާ ބައްދަލުކޮށް ވާހަކަދައްކާފައެވެ.

"މިއީ ރެފިއުޖީ ކޭމްޕަކަށް އަހަރެން ޒިޔާރަތްކުރި ފުރަތަމަ ފަހަރު. ލޭ އޮހޮރުވުންތަކާ ހަމަނުޖެހުމުގެ ސަބަބުން ކުޑަކުދިންގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހެމުންދާތަން ފެނުމަކީ ގަބޫލުކުރަންދަތި ހައިރާންކުރުވަނިވި ކަމެއް. އަދި ބައްޕައަކަށްވީތީ، އެފަދަ ދަތި ހާލުގައި ކުދިން ދިރިއުޅޭތަން ފެނުމުން ހިތް ހަލާކުވެއްޖެ،" ހަތަރު ކުދިންގެ ބައްޕަ، ބެކަމް ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 10،000 ރެފިއުޖީން ދިރިއުޅެމުން އަންނަ އަލީ އަޑާ ކޭމްޕަކީ އަވަށްޓެރި އިތޯޕިއާ އާއި އެރިޓެރެއާ އަދި ސޯމާލިއާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާ ނުވަތަ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުތަކުން ހިޖުރަކޮށްފައިވާ މީހުން ދިރިއުޅޭ ކޭމްޕެކެވެ.

ކުޑަކުދިންނަށް ކޮންމެހެން ބޭނުންވާ ބޭސްފަރުވާއަށާއި ވެކްސިން ދިނުމަށް ފައިސާ ހޯދުމަށް "7: ދަ ޑޭވިޑް ބެކަމް ޔުނިސެފް ފަންޑް" ގެ ނަމުގައި މިއަހަރުގެ ކުރީކޮޅު ފަންޑެއް ހުޅުވާފައިވާ ބެކަމް ދެކޭގޮތުގައި، ކޮންމެ ތަނެއްގައި ދިރިއުޅޭ ކުއްޖެއް ނަމަވެސް ދިރިއުޅުމުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިދޭންޖެހޭނެ އެވެ.

ޖަބޫޓީއަށް ބެކަމް ކުރި ޒިޔާރަތަކީ ބީބީސީ އިން އުފައްދާ ޑޮކިއުމަންޓްރީ ފިލްމަކަށް، ދުނިޔޭގެ ހަތް ބައްރަށް އޭނާ ފަށާފައިވާ ދަތުރުގެ ތެރެއިން އެއް ބައެވެ. ގްރާސްރޫޓް ފުޓްބޯޅައިގެ މައްޗަށް ހަދާ އެ ޑޮކިއުމަންޓްރީގައި ފެނިގެންދާނީ ދުނިޔޭގެ ހަތް ބައްރަށް ޒިޔާރަތްކޮށް ކޮންމެ ބައްރެއްގައި ފުޓްބޯޅަ ކުޅުމަށް ބެކަމް ކުރާ ދަތުރެކެވެ.

އެގޮތުން މިދިޔަ ހަފްތާގައި ބެކަމް ވަނީ ނޭޕާލަށް ޒިޔާރަތްކޮށް އެގައުމުގެ ބައެއް ކުޑަކުދިންނާއެކު ފުޓްބޯޅަ ކުޅެ ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

މައުލޫމާތު: ސްކައި ނިއުސް އަދި ނޫސް އެޖެންސީތައް