10 Nov 2015, 16:43
ރާއްޖޭގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތާއި އަދި ރާއްޖޭގައި ހިނގި ކަންތައްތަކުގެ އަސަރު ލަންކާ އަށް ކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސްރީލަންކާގެ ދެ ރައްޔިތަކު ރާއްޖޭގައި ހައްޔަރު ކުރުމާއި ސިޔާސީ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާ ދެކޮޅަށް ސުވާލު އުފެދޭ ގޮތަކަށް ފިޔަވަޅު އަޅަން ދިވެހި ސަރުކާރުން ސްރީލަންކާ ބޭނުންކުރުމަކީ ބޮލަށް އުނދަގޫވާ ކަމެއް ކަމަށެވެ.
"...ދިވެހިރާއްޖޭގައި ފަހަކަށް އައިސް ހިނގި ކަންތައްތަކާއި ސްރީލަންކާ އަށް އެކަންކަމުގެ އަސަރުކުރުވި ހާދިސާތަކާ މެދު ސްރީލަންކާ އިން ކަންބޮޑުވެ އެވެ،" ލަންކާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުންޏެވެ. "އޭގެ ތެރޭގައި ސްރީލަންކާގެ ދެ ރައްޔިތަކު ރާއްޖޭގައި ހައްޔަރު ކުރުމާއި ސްރީލަންކާގެ ސައްޙަ ވިސާ އޮތް ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ސުވާލު އުފެދޭ ގޮތަކަށް (ލަންކާއިން) ބޭރުކުރުމާއި ސްރީލަންކާގައި ހުރި ދިވެހި ރައްޔިތެއްގެ ގަޔަށް ވަޅި ހެރުމާއި ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކުރުމާއި ރާއްޖޭގެ ނައިބު ރައީސް ވަކިކުރުން ހިމެނޭ ގޮތުންނެވެ،" ބަޔާނުގައިވެ އެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހިނގަމުން އަންނަ ކަންތައްތަކުގެ ސަބަބުން ސަރަހައްދީ ނުތަނަވަސް ކަމަކަށް މަގުފަހިނުވާނެ ކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރަށް ގޮވައިލާ ކަމަށެވެ.
"...ސިޔާސީ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާ ދެކޮޅަށް ސުވާލު އުފެދޭ ފަދަ ފިޔަވަޅުތަކެއް އަޅަން، ދިވެހި ރާއްޖެއާ އެކު އަބަދުވެސް ގާތް ރަޙުމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ސްރީލަންކާ ބޭނުންކޮށްފައި ވުމަކީ ވަރަށް ބޮޑަށް ބޮލަށް އުނދަގޫ ކުރުވަނިވި ކަމެކެވެ،" ލަންކާ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަރަށް އަވަހަށް އުވާލާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އިހުތިރާމް ކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.