10 Nov 2015, 21:42
ލަންޑަން (ނޮވެމްބަރު 10): ޔޫރަޕްގެ އިއްތިޙާދުން އެ އިއްތިޙާދުގެ މެންބަރު ގައުމުތަކުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަ މިންވަރު މާބޮޑުކަމަށާއި މެންބަރު ގައުމުތަކާ މުޢާމަލާތް ކުރުމުގައި އެ އިއްތިޙާދުގެ ދައުރު ކުޑަކުރަން ޖެހޭ ކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެއްޖެ އެވެ.
ޔޫރަޕްގެ އިއްތިޙާދާމެދު ދެކެވަޑައިގަންނަވާ ތަސައްވުރާ ބެހޭ ގޮތުން ދެއްވި ޚިތާބެއްގައި ކެމެރޮން ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދަކީ 28 މެންބަރުން ހިމެނޭ ބޮޑު ޖަމްއިއްޔާއެއް ކަމަށާ މި ޖަމްޢިއްޔާ ރަނގަނޅު ގޮތުގައި ހަރަކާތްތެރިވާ ނަމަ އެއީ ޔޫރަޕަށް ލިބޭ ވަރުގަދަ ބާރެއްކަމުގަ އެވެ. ނަމަވެސް ޔޫރަޕްގެ އިއްތިޙާދުން މެންބަރު ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް މާބޮޑަށް ވަންނަ ނަމަ އިނގިރޭސިވިލާތަށް ޖެހޭނީ އެއިއްތިޙާދުން ވަކިވާންކަމަށް ވެސް ކެމެރޮން ވިދާޅުވި އެވެ.
ޑޭވިޑް ކެމެރޮންވަނީ ޔޫރަޕްގެ އިއްތިޙާދަށް ގެނައުމަށް އޭނާ ބޭނުންވާ އިސްލާޙްތަކުގެ ލިސްޓެއް އެއިއްތިޙާދުގެ އިދާރާއަށާއި މެންބަރު ގައުމުތަކަށް ފޮނުއްވާފަ އެވެ. މި ލިސްޓުގައިވާ އިސްލާހްތައް 2017 ވަނަ އަހަރުގެ ކުރިން ނުގެނަސްފި ނަމަ ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާބެހޭ ގޮތުން އިނގިރޭސި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޓަކައި 2017 ވަނަ އަހަރުގެ ފަހުކޮޅު ފެންނަ ނުފެންނަ ވޯޓަކަށްދާނެ ކަމުގެ އިންޒާރު ކެމެރޮން ދެއްވި އެވެ.
އިނގިރޭސި ރައްޔިތުންގެ ގިނަ ބަޔަކު ޔޫރަޕްގެ އިއްތިޙާދުގައި އިނގިރޭސިވިލާތް އޮތުމަށް ބޭނުންނުވާ ކަމަށްވެ އެވެ. ސަބަބަކީ އިނގިރޭސިވިލާތުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެއިއްތިޙާދުން ވަނުމާއި އިނގިރޭސި ސަރުކާރުން ކުރާ ކަންކަމަށް އެއިއްތިޙާދުން ފާޑުކިޔުމުގެ އިތުރުން އެއިއްތިޙާދުގައި އޮތުމުން އިނގިރޭސިވިލާތުގެ އަމިއްލަ ޝަޚްސިއްޔަތު ގެއްލިގެންދާތީ އެވެ. އިނގިރޭސީންނަކީ އެއްދުވަސްވަރެއްގައި ދުނިޔޭގެ އެއްވަނަ ބާރެވެ. އަދި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު ގައުމެވެ. ނަމަވެސް މިއަދު އިނގިރޭސިވިލާތަކީ ބާރުވެރިކަމުގެ ގޮތުން އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާ އަޅާވެސް ނުކިޔޭފަދަ ބަލިކަށި އަދި ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން ކުޑަ ގައުމެކެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމުތަކުގެ ތެރޭންވެސް އެންމެ ބަލިކަށި ގައުމަކީ އިނގިރޭސިވިލާތެވެ.
މީގެއިތުރުން ޔޫރަޕްގެ އިއްތިޙާދުގައި އިނގިރޭސިވިލާތަށްވުރެ ފަރަންސޭސިވިލާތާއި ޖަރުމަނުގެ ބާރާއި ނުފޫޒު ގަދަވުމަކީވެސް އެއިއްތިޙާދުގައި އިނގިރޭސިވިލާތް އޮތުމަށް އިނގިރޭސި ރައްޔިތުންގެ ގިނަ ބަޔަކު ހިތްހަމަނުޖެހޭ ކަމެއްކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވެ އެވެ. އިނގިރޭސިވިލާތަކީ ޔޫރަޕްގެ އިއްތިޙާދުގެ މެންބަރަކަށްވީ ނަމަވެސް ފައިސާގެ ގޮތުގައި ޔޫރޯ ބޭނުންކުރާ ގައުމެއްނޫނެވެ. އިނގިރޭސިވިލާތުން އެގައުމުގެ ފައިސާގެ ގޮތުގައި ޔޫރޯ ބޭނުންނުކުރަނީ ވެސް އެކަމުގެ ސަބަބުން އިނގިރޭސީންގެ އަމިއްލަވަންތަކަން ގެއްލިގެންގޮސް އެހެންގައުމުތަކުގެ ބާރާއި ނުފޫޒު އިނގިރޭސިވިލާތަށް ވަންނާނެތީ އެވެ.
ޔޫރަޕްގެ އިއްތިޙާދަށް ބަލާއިރު ވެސް އިނގިރޭސިވިލާތަކީ އިގްތިސާދީގޮތުން 3 ވަނަ ދަރަޖައިގާ އުޅޭ ގައުމެކެވެ. އެއްވަނަ ދަރަޖައިގެ ގައުމަކީ ޖަރުމަނެވެ. ދެވަނައަށް ފަރަންސޭސިވިލާތެވެ. މިދެގައުމަކީ ސައެންސާއި ޓެކްނޮލޮޖީއާއި ސިނާއަތާއި އުފެއްދުންތެރިކަމާއި އިގްތިސާދީ ބާރުވެރިކަމަށްބަލާއިރު އިނގިރޭސިވިލާތަށްވުރެ ކުރީގައިވާ ދެގައުމެވެ. ނަމަވެސް މިދެގައުމަކީ އެންމެ ކުރީ ޒަމާނުންފެށިގެން ވެސް އިނގިރޭސިވިލާތާ ވާދަވެރި ދެގައުމެވެ. (ނޫސްއެޖެންސީތައް)