"ދިލްވާލޭ" ޝޫޓް ކުރަމުން ދިޔައިރު ދަރިންގެ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ފަރާތުން ކަމަށް ކާޖޮލް ބުނެފިއެވެ.

އެގޮތުން ފިލްމް ޝޫޓް ކުރުމުގައި ގައުމުން ބޭރުގައި ގިނަ ދުވަސް ހޭދަ ކުރަން ޖެހުނު ކަމަށާއި، އެ ހުރިހާ ދުވަހެއްގައިވެސް ދަރިންގެ ކަންތައްތައް ބަލަހައްޓަން ގޭގައި ހުރީ އަޖޭކަމަށް ކާޖޮލް ބުންޏެވެ.

"އަހަރެން ދިލްވާލޭގެ ޝޫޓް ކުރުމުގައި އުޅުނު އިރު ދަރިން ބަލަން ގޭގައި ހުރީ އަޖޭ. އަޖޭގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު،" ކާޖޮލް ބުންޏެވެ.

އަންނަ ޑިސެމްބަރު 18 ވަނަ ދުވަހު ރިލީސް ކުރުމަށް ހަމަޖެހިފަިވާ ދިލްވާލޭ، ކުޅުމަށް ކާޖަލް އެއްބަސް ވެފައި ވަނީ އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅުގެ އެދުމުގެ މަތިން ކަމަށްވެސް ކާޖޮލް ބުންޏެވެ.

ކާޖޮލް ބުނީ ފިލްމު ކުޅެން އެއްބަސް ވުމުގެ ކުރިން ގިނަ ވަގުތު ބޭރުގައި އުޅެން ޖެހޭނެ ވާހަކަ ދަރިފުޅު ގާތު ބުނި ކަމަށެވެ. އެހެންނަމަވެސް ފިލްމް ކުޅެން ދަރިފުޅު އެދުނު ކަމަށް ކާޖޮލް ބުންޏެވެ. އަދި ދަރިފުޅު ބޭނުންވަނީ ކާޖޮލް އުފާވެރި، މަޖާ ފިލްމެއް ކުޅެން ކަމަށާއި، ކާޖޮލްގެ ރޮއެ ރޮއެ ފަ ކުޅޭ ފިލްމްތައް ބަލަން ދަރިފުޅު ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފަސް އަހަރު ފަހުން ކާޖޮލް ކުޅުނު ދިލްވާލޭގެ ޓްރެއިލާ ރިލީޒްކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ ވަނަ ދުވަހުއެވެ. އޭނާ އެންމެ ފަހުން ކުޅުނީ "ވީ އާ ފެމެލީ" އާއި "ޓޫންޕޫރުކާ ސުޕަހީރޯ" އެެވެ.