ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ހޮންކޮންގް ކުޅޭ މެޗަށް، ގައުމީ ޓީމްގެ ވައިސް ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ނުލައި ރާއްޖޭގެ ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑް އެކުލަވާލިފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ހަވީރު 15:50 ގައި ކުޅޭ އެ މެޗައް ކުރިން ނެގި 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން، ވެލެންސިއާގެ މިޑްފީލްޑަރު އަކްރަމް އާއި ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑް ވެފައިވާ ނިއުރޭޑިއަންޓްގެ ކެޕްޓަން އަސްއަދު އަލީ (އަޑުބާރޭ) އާއި އަނިޔާގައި ހުރި މުހައްމަދު އުމައިރު ވެސް ވަނީ ބާކީ ކޮށްފައެވެ.

މިފަހަރުގެ ސްކޮޑުގައި އަލަށް ހިމެނުނު ތިން ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އަންސަރު އިބްރާހިމް (އަންކޮ) އާއި ކްލަބް ވެލެންސިއާގެ އަހުމަދު ވިސާމް (ޖެރާޑް) އަދި ވިކްޓަރީގެ މުހައްމަދު ތަސްމީން (ތައްތި) އެވެ.

ގައުމީ ޓީމަށް ނެގި 23 ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ނިއުރޭޑިއެންޓާއި މާޒިޔާގެ ކުޅުންތެރިންނެވެ. އެގޮތުން އެއިން ކޮންމެ ކްލަބަކުން ފަސް ކުޅުންތެރިން ހިމަނާފައި ވާއިރު، ކްލަބް އީގަލްސްއާއި ވެލްނިސައާ އިން ކޮންމެ ޓީމަކުން ތިން ކުޅުންތެރިން އަދި ޓީސީގެ ދެ ކުޅުންތެރިން އަދި ވިކްޓްރީ، މަހިބަދޫ، ބީޖީ މިއިން ކޮންމެ ޓީމަކުން އެއް ކުޅުންތެރިއަކު ވަނީ ހިމަނާފައެވެ.

ބުރާސްފަތި ދުވަހު އޮންނަ މެޗައް ރާއްޖޭގެ ގައުމީ ޓީމް ފަރިތަކުރަނީ --- ފޮޓޯ:އެފްއޭއެމް

މީގެ އިތުރުން މެލޭސިއާގެ ޕީޑީއާރުއެމް އަށް ކުޅުމުން އަންނަ ގައުމީ ޓީމްގެ ކެޕްޓަންއަލީ އަޝްފާގު (ދަނގަޑޭ) އާއި މިޔަންމާގެ ކޭބީޒެޑްއަށް ކުޅެމުން އަންނަ ވައިސް ކެޕްޓަންމުޙަމަދު އާރިފް (ބަކާ)ވެސް ވަނީ ހިމަނާފައެވެ.

ގައުމީޓީމްގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ:

ނިއުރޭޑިއެންޓް -

  • އަހުމަދު އަބްދުﷲ (ލިލީ)،

  • އަލީ ފާސިރު (ސެންޓޭ)،
  • ހަމްޒާ މުހައްމަދު (ހަމްޕު)،
  • ޝާފިއު އަހުމަދު (ޝާފީ)،
  • މުހައްމަދު ރަޝީދު (ހޮކޭ)

މާޒިޔާ -

  • މުހައްމަދު ސަމްދޫހް،

  • އަސަދުﷲ އަބްދުﷲ (އަސައްކޮ)،
  • އަހުމަދު ނާޝިދު (ނާއްޓޭ)،
  • އަލީ އަމްދާން (އެންޑީ)،
  • މުހައްމަދު އިރުފާން (އިރޭ)

އީގަލްސް -

  • އަހުމަދު ނޫމާން (ހެލްމެޓު)،

  • އިސްމާއިލް އީސާ (މެސީ)،
  • އަންސަރު އިބްރާހިމް (އަންކޮ)

ވެލެންސިއާ -

  • އަހުމަދު ވިސާމް (ޖެރާޑް)،

  • އިބްރާހިމް އަބްދުﷲ (އިއްބެ)،
  • އަހުމަދު އާތިފް.

ޓީސީ -

  • ނާއިޒު ހަސަން (ދާދު)،

  • މުހައްމަދު އިމްރާން

މަހިބަދޫ -

  • ސަމޫހް އަލީ (ސަމުއްޓޭ)

ބީޖީ

  • ކީޕަރު އިބްރާހިމް އިފްރާހް އަރީފް.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއިން ފަސް މެޗު މިހާތަނަށް ކުޅެފައިވާ އިރު، ރާއްޖެ މޮޅުވެފައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ހޮންކޮންގާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން މާލޭގައި ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ސީގެ ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކު ރާއްޖެ އޮތްއިރު، މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ގަތަރެވެ. ދެވަނައިގައި 10 ޕޮއިންޓާއެކު ހޮންކޮންގް އޮތް އިރު، ތިންވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗައިނާއެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޫޓާން އެވެ.