އެކިއެކި ސަބަބުތަކާ ގުޅިގެން ޕާސްޕޯޓްގެ ޚިދުމަތް ހޯދުމަށް އިމިގްރޭޝަނަށް ދިއުމަށް އުޒުރުވެރިވާ ފަރާތްތަކުގެ ގޭގެއަށް ގޮސް ޕާސްޕޯޓް ހަދައިދިނުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފި އެވެ.

އެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު ވަނީ ޕާސްޕޯޓް ހަދަން އުޒުރުވެރިވާ އަމިއްލަ ފަރުދެއްގެ ގެއަށް އިމިގްރޭޝަން އޮފިސަރުން ގޮސް ޕާސްޕޯޓް ހަދައިދީފަ އެވެ.

"އުޒުރުވެރި ޕާސްޕޯޓް އުޒުރުވެރިންނާ ހަމައަށް" ނަމުގައި ފެށި އެ ޕްރޮގްރާމާ ގުޅޭގޮތުން ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ހަސަން ހަލީލު ވިދާޅުވީ، އެ ހިދުމަތަކީ ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، މިއަހަރު ނިމުމުގެ ކުރިން ފެށުމަށް އިމިގްރޭޝަނަށް އަންގާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

ހަލީލް ވިދާޅުވީ، އެ ހިދުމަތުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކަށް ލުއިފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ހިދުމަތް ފެށި ނަމަވެސް އެމަޖެންސީ ޕާސްޕޯޓްގެ ހިދުމަތް ކުރިއަށް އޮތްތާނގައި ވެސް ކުރިއަށްގެންދާނީ މިހާރު އެ ހިދުމަތް ދެމުން އަންނަ އުސޫލުން ކަމަށް ހަލީލް ވިދާޅުވި އެވެ.

"މޮބައިލް އެންރޯލްމަންޓް ޔުނިޓް" (އެމްއީޔޫ) ގެ އެހީގައި ކުރިއަށްގެންދާ އެ ޕްރޮގްރާމް އަތޮޅުތެރެއަށް ވެސް ފުޅާކުރާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.