އައްޑޫ ސިޓީ ކައުންސިލުން އެތަނުގައި ހިންގާ މަސައްކަތްތަކާއި ހިދުމަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ސަރުކާރުގެ އެހީއާއި ލަފާ ހޯދުމުގައި ގައުމީ އިދާރާ މެދުވެރިނުކޮށް، ސީދާ ސިޓީ ކައުންސިލާއެކު ސަރުކާރުން މުއާމަލާތްކުރާ ގޮތަށް ހަމަޖައްސައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލާއެކު ސީދާ މުއާމަލާތްކުރާ ގޮތަށް ހަމަޖެއްސީ، އެއީ ސިޓީގެ ދަރަޖަ ލިބިގެންވާ ތަނަކަށްވާތީ ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ވެއެވެ.

"މިގޮތަށް މި ހަމަޖެއްސެވީ އައްޑޫ އަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އިދާރީ ދާއިރާއަކަށްވާތީ، އެ އިދާރީ ދާއިރާއަށް ސަރުކާރުންދޭ ހިދްމަތްތައް ގައުމީ އިދާރާއެއް މެދުވެރި ކުރެއްވުމެއްނެތި، ސީދާ އައްޑޫ ސިޓީ ކައުންސިލް މެދުވެރިކުރައްވައިގެން ދެއްވުމަށް،" އެ ދެންނެވުމުގައި ވެއެވެ.

މި ނިންމެވުމާއެކު، ރައީސް ނަޝީދު ވަނީ، އައްޑު އާއި ފުވައްމުލަކުގެ ކަންތައްތައް ބަލަހައްޓާ ގޮތަށް ހަމަޖެހިފައި އޮތް "ދެކުނު ސަރަހައްދުގެ ގައުމީ އިދާރާ" އާއި ފުވައްމުލަކުގައި ސަރުކާރުން ހިންގަމުންދިޔަ "ދެކުނު ސަރަޙައްދުގެ ގައުމީ އިދާރާގެ ފުވައްމުލަކު ޔުނިޓް" މާޗް 31 ވަނަ ދުވަހު އުވާލައްވައިފަ އެވެ.

އަދި ފުވައްމުލަކުގައި ގައުމީ އިދާރާތަކުން ދޭ ހިދްމަތްތައް ދިނުމަށް "ފުވައްމުލަކުގެ ގައުމީ އިދާރާ" އެއް އެ ތާރީޚުގައި އުފައްދަވައިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ފުވައްމުލަކުގެ ގައުމީ އިދާރާ ހިނގަމުންދާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބެލުމުގެ ދަށުންނެވެ.